
“ވިޒިޓް ދަރަވަންދޫ އިޔާ” ފާހަގަކުރުމުގެ ގޮތުން ބ. ދަރަވަންދޫގައި އިއްޔެ ހަވީރު ރައްޔިތުންގެ ބޮޑު މާހެފުމެއް ބާއްވައިފި އެވެ.
ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު ވިދާޅުވިގޮތުގައި މި މާހެފުމަކީ ރަށުގެ ކުދިބޮޑު އެންމެންނާއި އަދި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ބޭއްވި މާހެފުމެކެވެ. މި މާހެފުން މިހާ ފުރިހަމައަށް ކުރިއަށް ގެންދެވުނީ ރަށުގެ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ދަރަވަންދޫ ކައުންސިލުން ވަނީ “ވިޒިޓް ދަރަވަންދޫ 2025” ގެ ބޮޑު ދަރުހެއް ވެސް ބާއްވައިފައެވެ. އަދި ރޯދަމަހުގެ ތެރޭގައިވެސް ކޮންމެ ހުކުރު ދުވަހަކު ދަރުސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި ރޯދަމަހު ތަރާވީހު ނަމާދުގެ ޕްރޮގްރާމްތަކާއި ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ޤުރުއާން ކުލާސްތަކެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.