
ބ. އަތޮޅު ތައުލީމީ މަރުކަޒަށް 47 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.
ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ.
މި އެސްމްބްލީ ޝަރަފްވެރިކޮށްދެއްވީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރަރ އަދި އެ ސްކޫލްގެ ކުރީގެ ދަރިވަރު ނޫރާ ޚަލީލެވެ.

މި އެސެމްބަލީގައި އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ސްކޫލު ހިއްސާވާ ބައެއް ފަރާތްތަކުގެ ދުހަވާ ގުޅޭ ޝުއޫރު ފާޅުކުރުން އޮތެވެ. އަދި ދަރިވަރުން މިއަދު ވަނީ ޖަމާއަތުގައި ފަތިސް ނަމާދުގައި ބައިވެރިވެފަ އެވެ.
އެ ރަސްމިއްޔާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ އެ ސްކޫލުން އަބަދުވެސް މަސައްކަތް ކުރަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުން ނުކުންނަ ދަރިވަރުންނަކީ ތައުލީމީ ގޮތުންނާއި އަހްލާގީ ގޮތުންނާއި ނަމޫނާ ދަރިވަރުންތަކެއް އުފެއްދުމަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޕްރިންސިޕަލް ރަފީއު ވަނީ އެ ސްކޫލުގައި މިދިޔަ 46 އަހަރު އެ ސްކޫލުގައި އެކި ދުވަސްތަކުގައި ހިދުމަތްކޮށްދެއްވި ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް އަދި އެ ސްކޫލުން ތައުމީމު ހާސިލުކުރި ދަރިވަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ޔުނިސެފްގެ އެހީގައި ދިވެހި ސަރުކާރުން އަތޮޅުތެރޭގައި އިމާރާތްކުރި އެންމެ ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒެވެ. މި ސްކޫލް ބ. ކޮމިޔުނިޓީ ސްކޫލްގެ ނަމުގައި ހުޅުވީ 24 ފެބްރުއަރީ 1978 ވަނަ އަހަރު އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދީދީ އެވެ. ހުޅުވުނު އިރު މި ސްކޫލްގައި ތިބީ 58 ދަރިވަރުންނާއި، 3 މުދައްރިސުންނާއި ހެޑްމާސްޓަރެކެވެ. ހުޅުވިއަހަރު ކިޔަވައިދެއްވީ ހަމައެކަނި ގްރޭޑް 1 އާ ހަމައަށެވެ. މިހާރު އެ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުންފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެވެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒަކީ ތައުލީމީ ގޮތުން ކާމިޔާބު ތާރީހެއް އޮތް އަދި މިހާރު ވެސް ކާމިޔާބު ސްކޫލެކެވެ. އެ ސްކޫލްގައި 750 އަށް ވުރެ ގިނަ ދަރިވަރުން އުޅޭއިރު މިއީ އަތޮޅު ތެރޭގައި ހުޅުވި ފުރަތަމަ އަތޮޅު ތައުލީމީ މަރުކަޒެވެ.
