މާލޭގައި މިރޭ ފެށި ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަންގައި އޭދަފުށީ ބެޑްމިންޓަން ޓީމު ކުޅުނު ފުރަތަމަ މެޗުން ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.
މާލޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިރޭ ކުޅުނު މެޗުގައި ޒެޑް ޓީމުގެ މައްޗަށް އޭދަފުށީ ޓީމު ކުރި ހޯދީ 4-1 މެޗުންނެވެ.
މިއަހަރު އަލަށް މި މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރާ އޭދަފުށީ ޓީމު ކުޅޭ ދެ ވަނަ މެޗުގައި މާދަމާރޭ ހަވީރު 6:00 ގައި ނުކުންނާނީ ދަންވަރު އެފްބީސީއާ ދެކޮޅަށެވެ. މުބާރާތުގައި އޭދަފުށީ ޓީމު ވާދަކުރާނީ ފޭލި ޖަމިއްޔާ ނަމުގަ އެވެ.
މި މުބާރާތުގެ އަތޮޅު ލީގުގައި މިރޭ ކުޅުނު މެޗުން އައްޑޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އޭދަފުށީ ޓީމު ވަނީ 5-0 މެޗުން ބަލިވެފަ އެވެ. ދެވަނަ މެޗުގައި އެޓީމު މާދަމާރޭ ކުޅޭނީ އެންމެފަހުގެ ޗެމްޕިއަން ހޮޅުދޫ ބީޑީސީއާ ދެކޮޅަށެވެ.