
ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް ވިއްސާރަވެ، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ މިއަދަކީ (މާޗު 2) ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އިތުރުން އެހެން ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ، ވަރަށް ގިނަ ގެތަކަށް ވަނީ ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އިއްޔެ ހަވީރުން ފެށިގެން މެދުނުކެނޑި މާލެ އަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ވަރަށް ގިނަ މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ވަނީ ފެންވަދެފަ އެވެ.
މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު ހަތެއް ޖަހަންދެން ޔެލޯ އެލާޓު ނެރެފަ އެވެ. އެ އިދާރާ އިން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ