ކުޑަރިކިލުގައި ފެންބޮޑުވެ، ސްކޫލަށާއި ގޭގެއަށް ބޮޑެތި ގެއްލުންތަކެއް

ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް ކުރި ބޯ ވިއްސާރައިގައި ބ. ކުޑަރިކިލު ސްކޫލަށާއި ރަށުގެ ގިނަ ގެތަކަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވިގޮތުގައި މި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ރަށުގެ 9 ގެއަކަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނަށް ގެއްލުން ލިބިފައިވެއެވެ. އަދި މީގެއިތުރުން ސްކޫލަށްވެސް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“ކުރީގައި ފެންބޮޑުވެގެން މިފަދަ ހާދިސާއެއް ދިމާވެފައެއް ނެތް. އެކަމަކު މިފަހަރު ވާރޭވެހުނު މިންވަރު ގިނަވުމާއި ފެންގަނޑު އަވަހަށް ބޮޑުވެގެން އައުމުގެ ސަބަބުން ގޭގެއަށް ފެން ވަންނަން ދިމާވީ،” ދައުރު ނޫހަށް ހަންނާން ވިދާޅުވިއެވެ.

ކުޑަރިކިލު ސްކޫލް ހުންނަނީ ރަށުގެ އެންމެ ތިރީ ސަރަހައްދުގައި ކަމަށްވުމާއެކު، ސްކޫލުގެ އިމާރާތަށްވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

“ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޓީވީ އަދި ލިޔެކިޔުމަށް ބޭނުންކުރާ ސާމާނާއި ގޮނޑިމޭޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ،” އޭނާ ވިދާޅުވިއެވެ.

ރަށުގައި ބޮޑުވި ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލާއެކު ރަށުގެ އާންމު ރައްޔިތުންނާއި ފުލުހުން އަދި ފެނަކައާއި އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުންވެސް ބައިވެރިވެފައިވާކަމަށް ހަންނާން މަޢުލޫމާތު ދެއްވިއެވެ. ނަމަވެސް ރަށުގައި ހެދުނު ފެންގަނޑުތައް ހިންދައި އާންމު ހާލަތަށް ގެނެވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެޓު އޮފީހުން މިވަގުތު ވެސް އޮތީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ކަނޑުތައް ވެސް ގަދަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.