ލޯންޗު ފެރީތަަކަށް ހެންވޭރާއި ހުޅުމާލެ ފެރީ ޓާމިނަލް ބަނދަރު ހުޅުވާލަނީ

މާލެ އާއި އަތޮޅުތަކާ ދެމެދު އޮޕަރޭޓުކުރާ ލޯންޗު ފެރީތަކަށް ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް (މިހާރުގެ “ބާސެލޯ ނަސަންދުރާ މާލެ”) ކުރިމަތީގެ ޓާމިނަލް ބަނދަރާއި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު، ލޯންޗު ފެރީ އޮޕަރޭޓްކުރާ އެންމެންނަށް ހުޅުވާލަން އެމްޓީސީސީއިން މިއަދު ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ނިންމެވުމެއްގެ ދަށުން މި ނިންމުން ނިންމާފައިވަނީ، ރަށްރަށުން މާލެއަށް އަންނަ މީހުންނަށް ލުއިގޮތެއް ހަމަޖެއްސުމަށްޓަކައެވެ.

އެމްޓީސީސީން ބުނެފައިވަނީ، މި ދެ ބަނދަރު ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންވާނެ ކަމަށެވެ. މި ޚިދުމަތަށް އެދި ހުށަހަޅާނީ [email protected] އަށް އީމެއިލް ކޮށްގެންނެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ 7978865 އިން ސާފުކުރެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

އެމްޓީސީސީން ބުނީ، މި ބަނދަރުތައް ބޭނުންކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު ދެނީ ކަންކަން ފަސޭހަކުރުމަށް ކަމަށެވެ.

“އެމްޓީސީސީ ފެރީތައް މިހާރުވެސް އެ ދެ ބަނދަރަށް ގާތްކުރޭ. އެހެންވީމާ ސިސްޓަމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން ފަސޭހަވާނެތީ ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލީ. ރަޖިސްޓަރީ ކުރުމަށްފަހު، ހަމަ އެ ދެ ބަނދަރަށް ކޮންމެ ލޯންޗު ފެރީއަކަށް ވެސް ގާތްކުރެވޭނެ،” ކަމަށް އެ އިސްވެރިޔާ ވިދާޅުވިއެވެ.

މާލެ އާއި އަތޮޅުތަކާ ދެމެދު އޮޕަރޭޓުކުރާ ލޯންޗު ފެރީތަކުން މިހާރު ލަފާ ފުރުމުގައި ބޭނުންކުރަނީ މާލޭގެ އުތުރު ފަރާތުގެ އެކި ޖެޓީތަކާއި ދެކުނު ފަރާތުގެ ބަނދަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.