އާ ބަނދަރާއެކު ރައްޔިތުންގެ ޝުކުރު ސަރުކާރަށް

ބ. އޭދަފުށީގައި އިތުރު ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ހަލުވިކަމާއެކު ކުރިއަށްގެންދާއިރު، މިއީ މިރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައަކާއި ތަރައްޤީއަށް ގެނެސްދޭނެ ކުރިއެރުމެއް ކަމަށް އޭދަފުށީގެ ރައްޔިތުން ބުނެފި އެވެ.

މިރަށުގެ ހުޅަނގު ފަރާތުގައި މިހާރު ތަރައްޤީކުރަމުންދާ މި އާ ބަނދަރަކީ، އުތުރު ފަރާތުގައި މިހާރު އޮތް ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުން އަހަރުތަކެއް ވަންދެން އެދެމުން އައި ކަމެކެވެ.

މި އާ ބަނދަރުގައި 303 މީޓަރުގެ ވާޓަރު ބަނދަރު ތަރައްޤީކުރުމާއެކު، 371 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓާއި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ހިމެނޭނެއެވެ. މީގެއިތުރުން، 63 މީޓަރުގެ ނެރުފައިކަށި ޖެހުމާއި 5490 އަކަމީޓަރުގެ ސަރަހައްދެއް ހިއްކުން މި މަޝްރޫޢުގައި ހިމެނެއެވެ.

ސަރުކާރުން މިހާރު ދަނީ މި ބަނދަރު އިތުރު 200 ފޫޓު ބޮޑުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 64.67 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

“އޭދަފުއްޓަށް ދެވަނަ ބަނދަރެއް ބޭނުންވެފައި އޮންނަތާ ވަރަށް ޒަމާންވެއްޖެ. އަޅުގަނޑުމެން ވަރަށް އުފާކުރަން މިއަދުގެ ސަރުކާރުން އޭދަފުއްޓަށް ދެވަނަ ބަނދަރެއް ގެނެސްދެއްވީތީ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އޭދަފުއްޓަށް ވެފައިވާ ވައުދުތައް ފުއްދާދެއްވާނެ،” އޭދަފުށީގެ ރައްޔިތަކު އެމްޓީސީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. 

ރިސޯޓު ދާއިރާގައި މަސައްކަތްކުރާ އޭދަފުށީގެ ރައްޔިތަކު ފާހަގަކުރި ގޮތުގައި، މި ބަނދަރު ނިމުމުން ރަށަށް އަރައި ފޭބުމުގައި މިހާރު ދިމާވާ ދަތިތަކަށް ޙައްލު ލިބިގެންދާނެއެވެ.

އޭދަފުށީގެ މަސްވެރިއަކު ބުނިގޮތުގައި މި ބަނދަރު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

“އޭދަފުށީގައި އިތުރު ބަނދަރެއް ހެދުމުގެ އެންމެ ބޮޑު ބެނުމަކީ އޭދަފުށީގައި މިހާރު އޮތް ބަނދަރުން ވަރަށް ބޮޑެތި ދަތިތަކެއް ވާތީއާ އެ ބަނދަރަށް މުދާ ބާލަން އުނދަގޫވުން. މަސްވެރިއެއްގެ ހައިސިއްޔަތުން މަސްކޮޅެއް ބާލާނެ ޖާގައެއްވެސް ނެތް. މި ހުރިހާ ކަމެއް ކުރިމަތިވެފައި އޮތީމާ ބަނދަރެއް ބޭނުންވަނީ. މި ބަނދަރު މިހާރުގެ ސަރުކާރުން ހައްދަވާދެއްވާތީ ސަރުކާރަށާ އަދި އޭދަފުށީގެ މަޖިލިސް މެމްބަރު ސަލީމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން” އާ ބަނދަރުގެ އިޙްސާސްތައް ހާމަކުރަމުން އޭދަފުށީގެ މަސްވެރި ރައްޔިތަކު ބުނެފައިވެއެވެ.  

އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާޠިހު ވިދާޅުވީ، މިހާރު އޮތް ބަނދަރަކީ އެކަށީގެންވާ ވަރަށްވުރެ ބާރުބޮޑު ބަނދަރެއް ކަމަށާއި، އަތޮޅުގެ 13 ރަށާއި 16 ރިސޯޓުން އަންނަ އުޅަނދުތައް ބަނދަރުކުރާނެ ޖާގަ ނޯންނަ ކަމަށެވެ.

“އާ ބަނދަރު ނިމުމުން މި މައްސަލަތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ،” ފާތިހު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ އެއްބާރުލުމާއެކު، އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.