
އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި 2024 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބެހުމަށް ރޭ ފާސްކޮށްފިއެވެ.
ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 60 މެންބަރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވި މި ޖަލްސާގައި، ހިއްސާގެ ފައިދާ ބެހުމަށް ހިއްސާދާރުންގެ 99 ޕަސެންޓުގެ ތާއީދު ލިބުނެވެ. މިއީ 2023 ވަނަ އަހަރު ހިއްސާދާރުންނަށް ބެހި 3.27 ރުފިޔާއަށް ވުރެ 16 ލާރި އިތުރު އަދަދެކެވެ.
މީގެއިތުރުން، މިރޭގެ ޖަލްސާގައި އުރީދޫގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައްވެސް ފާސްކުރެވުނެވެ. އަދި 2025 ވަނަ އަހަރުގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ ކަނޑައަޅައި، އުޖޫރައެއްގެ ގޮތުގައި 904,514 ރުފިޔާ ދިނުމަށް ނިންމިއެވެ.
އުރީދޫއަށް 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި 684 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ 2023 ވަނަ އަހަރު ލިބުނު 685 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. ނަމަވެސް، 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 2,203 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ 2023 ވަނަ އަހަރު ލިބުނު 2,097 މިލިއަން ރުފިޔާއަށްވުރެ 5 ޕަސެންޓް އިތުރު އަދަދެކެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ޚާލިދް އަލް ހަމާދީ ވިދާޅުވީ، 2024 ވަނަ އަހަރަކީ ކުންފުންޏަށް ކާމިޔާބު އަހަރެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު އަހަރެއްގެ ގޮތުގައި 2024 ވަނަ އަހަރު ފާހަގަކުރެވޭއިރު، އޭގެ ތެރޭގައި 5ޖީ ޚިދުމަތް ފުޅާކޮށް ރާއްޖޭގެ 60 ޕަސެންޓަށް އެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ކުންފުނިން ކާމިޔާބު ގިނަ ޕްރޮމޯޝަންތަކެއް ވިއްކައިފައިވާ ކަމަށާއި، 2025 ވަނަ އަހަރަކީ އުރީދޫން 20 ވަނަ އަހަރު ފާހަގަކުރާ އަހަރަށް ވުމުން 2024 ވަނަ އަހަރަށްވުރެ ޚާއްޞަ ޕްރޮމޯޝަންތަކެއް ކުރިއަށް ހުރި ކަމަށެވެ.
އުރީދޫއަކީ 2016 ވަނަ އަހަރު ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާންމުންނަށް ހިއްސާ ވިއްކަން ފެށި ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ އެއް އަހަރުން އަނެއް އަހަރަށް ކުންފުނީގެ އާމްދަނީ އިތުރުކޮށް، ފައިދާ ބޮޑުކުރަމުންނެވެ. އަދި މިއީ ކުރު މުއްދަތެއްގެ ތެރޭގައި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ދެމުން އަންނަ ކުންފުންޏެކެވެ.