
އުރީދޫ 5G އާބާދީގެ 80 ޕަސެންޓަށް ލިބޭ ގޮތަށް ފުޅާކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކް ފުޅާކުރުމާއެކު ޑިޖިޓަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރު ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް އުރީދޫ 5ޖީ ވަނީ ފޯރާފައެވެ.
މި ކާމިޔާބީއާއެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކަށް ވެ، ހަލުއި އިންޓަނެޓް ސްޕީޑާއިއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މިއާއެކު، އުރީދޫ 5ޖީ މިހާރު މީހުން އުޅޭ 779 ރަށަށް، 8 ރިސޯޓަށް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ބެހެއްޓިފައިވާނެއެވެ.
އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށެވެ.
“ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ތަޖުރިބާތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނާ ގުޅާލުން. އުރީދޫ 5ޖީ އާބާދީގެ 80 އިންސައްތައަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެއް،” އުރީދޫން ބުންޏެވެ.