
ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުންކުރުމަށް ތިން އަތޮޅެއްގެ 13 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެމްޓީސީސީން އިއްޔެ ހާމަކޮށްފިއެވެ.
ކުރީގެ ނަސަންދުރަ ޕެލަސް ހޮޓެލް، މިހާރުގެ “ބާސެލޯ ނަސަންދުރާ މާލެ” ކުރިމަތީގައިވާ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލް، ލޯންޗު ފެރީ އޮޕަރޭޓަރުންނަށް ހުޅުވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއާއެކު، ފެރީ އޮޕަރޭޓްކުރުމަށް ބޭނުންވާ އުޅަނދުތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތުވެސް ހުޅުވާލެވުނެވެ.
އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނުގައި ދެންނެވިފައިވާގޮތުން، ފެރީ ޓާމިނަލްތައް ބޭނުންކުރުމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި އދ. އަތޮޅުގެ ތިން ރަށް، ކ. އަތޮޅުގެ ފަސް ރަށް، އަދި ބ. އަތޮޅުގެ ފަސް ރަށް ހިމެނެއެވެ.
ޓާމިނަލް ބޭނުންކުރުމަށް ޝައުގުވެރިކަން ފާޅުކުރި ރަށްތައް:
- އދ. އަތޮޅު: ފެންފުށި، މާމިގިލި، ދިއްދޫ
- ކ. އަތޮޅު: މާފުށި، ގުރައިދޫ، ގުޅި، ގާފަރު، ކާށިދޫ
- ބ. އަތޮޅު: ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ
އެމްޓީސީސީން ފާހަގަކޮށްފައިވަނީ މި ޚިދުމަތް ފެށުމާއެކު، ދުވާލަކު 15 ލޯންޗު ފެރީއަށް ޚިދުމަތް ދެވޭނެ ކަމަށެވެ. މިއީ ގާތްގަނޑަކަށް 2,000 މުސާފިރުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެވޭނެ މިންވަރެކެވެ.
މި ނިޒާމުގެ ދަށުން ހެންވޭރު ޓާމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރިކުރުމުގެ ޖާގަ ތަނަވަސްކޮށްދެވޭނެ އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ ތިން ލޯންޗަށް ކައިރިކުރެވޭނެ ޖާގަ ޚާއްޞަކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
“ކޮންމެ އުޅަނދަކަށްވެސް ޖެޓީއަށް ލަފާތާ ހިސާބުން ފެށިގެން ފުރުމާ ދެމެދު 30 މިނެޓުގެ ވަގުތު ދެވޭނެއެވެ. އަދި ދަތުރުވެރިން ޓާމިނަލަށް އައިސް ފުރުމާ ދެމެދު މަޑުކުރަންޖެހޭނަމަ، އެކަމަށް ޚާއްޞަ ސަރަޙައްދެއް ޓާމިނަލް ތެރޭގައި ޤާއިމުކުރެވޭނެއެވެ” ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މީގެއިތުރުން، ދަތުރުވެރިންގެ އަސާސީ ބޭނުންތަކަށް އިސްކަންދީ، ޓާމިނަލްތަކުގައި ފާޚާނާ ޚިދުމަތާއި ބޯފެން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މާލެއަށް އެކި ރަށްރަށުން އަންނަ ލޯންޗު ފެރީތަކުން މީހުން އަރާފޭބުމުގައި ގިނަ ދުވަސްތަކެއް ވަންދެން ދަތިތަކެއް ދިމާވަމުން އައިސްފައިވެއެވެ. ޚާއްޞަކޮށް ހޫނު ދުވަސްވަރު، ގަދަ އަވީގައި ގިނަ ވަގުތު ހޭދަކުރަންޖެހުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ބޮޑެވެވެ.