
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ބ. ފުޅަދުއަށް ސީޕްލޭން ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ފުޅަދުއަށް ދަތުރުތައް ފެށުމާއެކު، އެ ރަށުގެ އިތުރުން އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދޫ އަދި ފެހެންދުއަށް ދަތުރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
25 މިނެޓުގެ މި ދަތުރުން ފަސިންޖަރުންނަށް މަތިންދާ އުޅަނދުން ހިތްގައިމު މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.
ފުޅަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އީދު ބަންދާ ދިމާކޮށް، މިމަހުގެ 31 ވަނަ ދުވަހުއެވެ. އަދި ތަރުހީބު ލިބޭ މިންވަރަކުން ދަތުރުތައް އިތުރުކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ފުޅަދުއަށް ކުރާ ސީޕްލޭން ދަތުރުތަކަށް ޓިކެޓު ބުކްކުރުމަށް އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ އިރު، ދިވެހީންނަށް އެއްކޮޅު ޓިކެޓުގެ އަގަކީ 1,099 ރުފިޔާއެވެ.

