މުހައްމަދު އަލީ އޭދަފުށީ ރައްޔިތުންނަށް ދިން އަގުބޮޑު ހަދިޔާ

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ: ނިޝާން އަލީ | މިހާރު

ބ. އޭދަފުށީ ޑޭޒީވިލާ މުހައްމަދު އަލީގެ ނަމުގައި އޭނާގެ ދަރިން އޭދަފުށީގައި ބިނާކޮށްދެއްވި ތަފާތު ރީތި މިސްކިތް ހުޅުވައިފި އެވެ.

މިހާރު އުމުރުން 91 އަހަރު ވެފައިވާ، މުހައްމަދު އަލީ އެންމެ ބޭނުންވި އެއްކަމަކީ އޭދަފުށީގައި މިސްކިތެއް ބިނާކޮށް ރަށު ރައްޔިތުންނަށް ހަދިޔާކުރުމެވެ. މިއީ އެގޮތުން އޭދަފުށީ ރައްޔިތުންނަށް މުހައްމަދު އަލީ ދެއްވި އަގުބޮޑު ހަދިޔާއެކެވެ.

އޭދަފުށީ ދެކުނުފަރާތު ހިއްކި ސަރަހައްދުގައި ބިނާކޮށްފައިވާ ދެ ބުރީގެ މި މިސްކިތުގެ މިއަދު އިރުއޮއްސުނުއިރު ހުޅުވައިދެއްވީ މުހައްމަދު އަލީ އާއި އޭދަފުށީގެ ތައުލީމަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މިހާރު ވިލާ ކޮލެޖުގެ ރެކްޓާގެ މަގާމުގައި ހުންނެވި ޑޮކްޓަރު އަހްމަދު އަންވަރު އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުހައްމަދު އަލީ އާއިލާގެ ގިނަ ބޭފުޅުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ. މި އެންމެންނަށް ވަނީ މިއަދުގެ ރޯދަވީއްލުމުގެ އިންތިޒާމުތައްވެސް ހަމަޖައްސައިދީފަ އެވެ.

މުހައްމަދު އަލީގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އުންމީދުގައި މީގެ ހަތަރު އަހަރު ކުރިން ބިންގާ އެޅި މިސްކިތުގެ މަސައްކަތް ނިންމައި މިއަދު ހުޅުވިއިރު މުހައްމަދު އަލީ އާއި އޭނާގެ އާއިލާ އަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މުޅި ރާއްޖޭގެ އެންމެ ކަހަލަ ގޮތަކަށް މި މިސްކިތުގެ ރީތިކަމުގެ ވާހަކަ ދައްކާތީ އެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މުޅިން ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ މި މިސްކިތް، އޮމާނާއި އުޒްބަކިސްތާނާއި ތުރުކީ ފަދަ ތަންތަނުން ފެންނަ މިސްކިތްތަކާ އެއްވެސް ތަފާތެއް ނެތެވެ.

މިސްކިތުގެ ވަންނަ މައި ދޮރާއްޓައި އެކި ހިސާބުތަކުން ފެންނަނީ  އިސްލާމީ އާކިޓެކްޗާގެ ތަފާތުކަމާއި މުއްސަނދިކަމެވެ.  އެގޮތުން މި މިސްކިތުން އެ ފެންނަ ފާރިސީ ސްޓައިލްގެ ޗާލު ޑިޒައިންތަކުން ދިވެހިންގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅެލަ އެވެ.

މީގެ އިތުރުން މިސްކިތުގެ އެތެރެ އާއި ބޭރު ލައިޓްތަކުން ނުކުންނަ މަޑުމަޑު ރަން އަލިން ވަރަށް ބޮޑު ހިތްގައިމުކަމެއް ފަތުރާލަ ދެ އެވެ.

ދެ ބުރިއަށް ހަދާފައިވާ މަސްޖިދުލް މުހައްމަދު އަލީގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

މުހައްމަދު އަލީ ފާހަގަކުރެވިފައިވަނީ ވަރަށް ދީލަތި ބޭފުޅެއްގެ އިތުރުން އިޖްތިމާއީ ކަންކަމުގައާއި އޭދަފުށީގެ ތަރައްގީއަށް ގިނަ ޚިދުމަތް ކުރެއްވި މުރާލި ބޭފުޅެއްގެ ގޮތުގައެވެ. އެންމެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ފުނަދޫ އުޑޫދޫ އަދި މާއްޑޫ މީހުން އޭދަފުށްޓަށް ބަދަލު ކުރުމުގެ މަސައްކަތް ހިމެނެއެވެ.  އޭރުގެ ބ. އަތޮޅު އަތޮޅު ވެރިޔާ މަރްހޫމް ޔޫސުފްކަލޭފާނާއެކު މަސައްކަތް ކުރެއްވި ޓީމުގައި ހިމެނުނު ޒުވާނުންގެ ތެރޭގައި އެންމެ ހަރަކާތްތެރި އަދި އެ ބިޔަ މަޝްރޫއު ކާމިޔާބާއެކު ނިންމާލުމުގައި މުހައްމަދުއަލީ ފާހަގަ ކުރެވިފައިވަނީ އެޓީމުގެ ހީރޯގެ ގޮތުގައެވެ. މީގެ އިތުރުން އޭނާ އަކީ އޭދަފުށީ ފޭލި ޖަމިއްޔާގެ ފައުންޑާ މެންބަރެއް ވެސް މެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.