
ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދާ “ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަން”ގެ 6 ވަނަ ސީޒަނަށް ބައިވެރިން ހޯދުމަށް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ، ރާއްޖޭގެ އެންމެ ފޯރިގަދަ އަދި ވާދަވެރި މުބާރާތެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. ނަމަވެސް މިވަގުތު ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުގައި ޕްރެޒެންޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް މި ފުރުޞަތު ނުލިބޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ އޭޕްރީލް 5 އެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން މުބާރާތާއެކު ކުރިއަށް ދިއުމުގެ ފުރުޞަތު ލިބޭނެ ބައިވެރިން ހޮވާނީ އޮޑިޝަނަކުންނެވެ. މި އޮޑިޝަން އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތްވެސް ކުރިއަށްދާނީ މާލޭގައެވެ.
މި ރިއަލިޓީ ޝޯވގައި ކޮންމެ ހަފްތާއަކު ދެ އެޕިސޯޑް ގެނެސްދެވޭނެއެވެ. އޭގެ ތެރޭގައި މަސައްކަތް ހުށަހަޅައިދޭ އެޕިސޯޑާއި އެލިމިނޭޝަން ޝޯވ ހިމެނެއެވެ. 7 ރައުންޑަކަށްފަހު ފައިނަލަށް ހޮވޭނީ 5 ބައިވެރިންނެވެ.
މުބާރާތުގެ ޓައިޓްލް ކާމިޔާބުކުރާ ފަރާތަށް 25,000 ރުފިޔާގެ ފައިސާގެ އިނާމާއެކު، އެއް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ދެވަނަ އަށް 20,000 ރުފިޔާ އަދި ތިންވަނަ އަށް 15,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

