
މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ޙާފިޡުންނަށް ހެދުންކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނާބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އެޅުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ.

އަދި އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަހުދިހައެއްގައިވެސް އެކަމަށް މަސައްކަތްކުރައްވައި، މިހާރު މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި މި ފަހުދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކީރިތި ޤުރުއާނާބެހޭ މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާތަކަށްވެސް ރޭގެ ރަސްމިއްޔާތުގައި ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއްކަމުގައި ފާހަގަކުރައްވައި، ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުންވެސް މިރޮނގުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު މި ރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ޙާފިޡަކަށްވުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ.

