
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރާ ދި ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން، ކަމަދޫގެ ވިޔަފާރިވެރިޔާ އަހްމަދު ރަޝީދު ހަސަންގެ ހަރަދުގައި، ބ. ކަމަދޫގެ ރައްޔިތުން އުމުރާގެ އަޅުކަމަށް ފޮނުވަން ފަށާފައިވާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެރަށުގެ ގިނަ ބަޔަކު އުމުރާގެ އަޅުކަން އަދާކޮށްފި އެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ، 564 މީހުންގެ އާބާދީއެއް އޮތް ކަމަދޫން މިދިޔަ އަހަރު މި ފުރުސަތަށް 124 ފަރާތަކުން އެދިފައިވާއިރު މީގެ ތެރެއިން މިހާތަނަށް 60 ފަރާތަކުން އެއް އަހަރުތެރޭ އުމުރާގެ އަޅުކަން އަދާކޮށްފައިވާކަމަށެވެ. އަދި އަންނަ އަޟްހާ އީދު ފަހުން މިދިޔަ އަހަރެކޭ އެއްގޮތަށް އިތުރު ފަރާތްތަކެއް ސިލްސިލާކޮށް އުމުރާގެ އަޅުކަން އަދާކުރުމަށް ފުރާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
އުމުރާގެ އަޅުކަމަށް ފޮނުވާނެ ފަރާތްތައް ކަނޑައަޅަނީ ކައުންސިލް އިދާރާއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ގުރުއަތުލައިގެންނެވެ. މި ގުރުއަތުލުން ކުރިއަށްދަނީ ރަށުގެ ރައްޔިތުންގެ ހާޒިރުގައި، ހާމަކަން ބޮޑު ގޮތެއްގައެވެ.
ކަމަދޫގައި ހައްޖާއި އުމުރާގެ އަޅުކަން އަދާ ނުކުރާ ހުރިހާ ފަރާތަކަށް މި ފުރުސަތު ލިބިގެންދާނެ އެވެ. މިއީ މުޅި ރަށަށް ލިބިފައިވާވަރަށް ބޮޑު އުފަލެއް ކަމަށް ޒަރީރު ވަނީ ފާހަގަކުރައްވާފަ އެވެ.
ކަމަދޫ ރައްޔިތުންނަށް ތަނަވަސް ކޮށްދިން އެ ފުރުސަތުގެ ދަށުން އުމްރާގެ އަޅުކަން އަދާ ކުރަން ދެވޭނީ 30 އަހަރު ފުރިފައިވާ މީހުންނަށެވެ. ކުރިމަތިލާ މީހުންނަކީ ހައްޖުގެ އިތުރުން އުމްރާގެ އަޅުކަން މީގެ ކުރިން ނުކުރާ މީހަކަށް ވާން ޖެހެ އެވެ.
އޭގެއިތުރުން 30 އަހަރުގެ ހުރިހާ ރައްޔިތުން އުމްރާއަށް ފޮނުވައި ނިމުމުން، ރަށުގެ ބާކީ އެހެން ހުރިހާ ރައްޔިތުންނަށް ވެސް އުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.
ދަ ހޯކްސްގެ ޗެއާމަން އަހްމަދު ރަޝީދު ހަސަން އަންނަނީ ކަމަދޫގެ އެކިއެކި އިޖުތިމާޢީ ޙަރަކާތްތަކަށް ވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

