
ފިތުރު އީދު ފާހަގަކުރަން ކަމަދޫގައި ގިނަ ޔަބަކު ބައިވެރިވާ މަސް ރޭހެއް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ޔޫތު އެސޯސިއޭޝަން އޮފް ކަމަދޫ އިނީޝިއޭޓިވް (ޔަކީސް ޖަމިއްޔާ) އިން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.
ޔަކީސް މަސްރޭހުގައި 10 ޓީމު ހިމެނެ އެވެ. ހަވީރު 4:30 ގައި މަހަށް ފުރާ މި ޓީމުތައް ރަށަށް އަންނަ ގޮތަށް ހަމަޖައްސާފައި ވަނީ މިރޭ 9:00 ގަ އެވެ.
“ރަށުގެ ކުދިބޮޑު އަންހެން ފިރިހެނުންގެ ބައިވެރިވުމާއެކު މި ހަރަކާތް ކުރިއަށް ގެންދަނީ. ގާތްގަނޑަކަށް 70 ނުނީ 80 ވަރަކަށް މީހުން މި ހަރަކާތުގައި ބައިވެރިވޭ، މަސްރޭސް ނިމުމާއެކު ވަގުތުން ނަތީޖާ އިއުލާންކޮށް އިނާމުދިނުން އޮންނާނެ،” އެ ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ޔަކީސް ޖަމިއްޔާގެ ރައީސް ޝަމީމު ބުންޏެވެ.
މި މުބާރާތުގެ އެއްވަނަ ޓީމަކަށް 5000ރުފިޔާ، ދެވަނަ ޓީމަކަށް 3000ރ އަދި ތިންވަނަ ހޯދާ ޓީމަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެންމެ ބަރު މަސް ބާނީ މީހަކަށާއި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް 500 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެވެ.
މިއީ ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ ފުރަތަމަ މަސްރޭސް ކަމަށްވިޔަސް އަންނަ އަހަރުވެސް މި މުބާރާތް ބާއްވަން އެ ޖަމިއްޔާއިން ވަނީ ނިންމާފަ އެވެ
ޔަކީސް ޖަމިއްޔާއަކީ މީގެ 20 އަހަރު ކުރިންސުރެ ފެށިގެން ކަމަދޫގައި އިޖުތިމާއީ ކަންކަމުގައި ވަރަށް ހަރަކާތެރި ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާއިން ދާދިފަހުން ވަނީ އެރަށުގައި ފަހަން ދަސްކޮށްދޭ ކޯހެއްވެސް ހިންގައިފަ އެވެ. އެ ކޯހުގެ ބައިވެރިންގެ 60 ޕަސެންޓް ފީ ދައްކައިދިނީ އެ ޖަމިއްޔާއިންނެވެ.
މީގެ އިތުރުން ކޮންމެ އަހަރެއްގެ ރޯދަމަހު އެރަށު ރައްޔިތުންނަށް އަންނަނީ ރޯދަ ހަދިޔާވެސް ބަހަމުންނެވެ. އެގޮތުން މިފަހަރުގެ ރަމަޟާން އިނާޔަތަށް އެރަށުގެ ކޮންމެ ގޭބިސީއަކަށް 500 ފަސްސަތޭކަ ރުފިޔާ ވަނީ ދީފަ އެވެ.