
ދިރާސީ އަހަރަށް ކުރިމަތިލާ އިރު މަތިވެރި އަޒުމަކާއި އާ ހިތްވަރަކާއެކު އުނގެނުމަށް މަސައްކަތް ކުރުމަށް, އެޑިޔުކޭޗަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތާގައި މިނިސްޓަރު ވަނީ ދަރިވަރުންނަކީ އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރިވާ، ޒިންމާދާރު އަދި އެކަކު އަނެކަކަށް އިހްތިރާމްކުރާ ދަރިވަރުންނަށް ވުމަށާއި އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ދަރިވަރުންނަށް ވުމަށްނަސޭހަތްތެރިވެފަ އެވެ.
މި ހިތާބުގައި މިނިސްޓަރު ވަނީ މި ދިރާސީ އަހަރު އާ ހިތްވަރަކާއެކު ކާބަފައިގެ އިސްލާމީ ރިވެތި އާދަތަކާއި ސިފަތަށް އާލާކުރުމަށް ތަޢުލީމީ ދާއިރާގެ މަދަދުގާރުންނަށް ގޮވާލައްވާފައެވެ. އަދި މުޖުތަމަޢު އެދޭފަދަ އުފާވެރި އުނގެނުމުގެ ވެއްޓެއް ބިނާވާނީ ކޮންމެ ސްކޫލެއްގެ މާހައުލަކީ އެކަކު އަނެކަކަށް ލޯތްބާއެކު އަޅާލާ, އެހީތެރިވާ އަދި އޯގާތެރި މުޖުތަމައެއް އޮންނަ މާހައުލަކަށް ވެގެންކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުދިންގެ އުނގެނުމުގެ ކަންކަމުގައި ސްކޫލާއި ބެލެނިވެރިންނާ ދެމެދު ގާތް ގުޅުމެއް އޮންނާން ޖެހޭ ކަމަށާއި އެ ކުދިންގެ ކަންކަމުގައި އިހުތިރާމާ އެކު، އެއްބަޔަކު އަނެއްބަޔަކާ މުއާމަލާތުކޮށް މައުލޫމާތު ބަދަލުކުރެވޭން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލުތައް މިއަދު ފެށުނުއިރު 90,000 އެއްހާ ދަރިވަރުން، ސްކޫލުތަކުގައި ކިޔަވަމުން އެބަދެ އެވެ. އެ ކުދިންނަށް ކިޔަވައިދިނުމަށް 11،000 ޓީޗަރުން އެބަ ތިއްބެވެ.