
އިޓަލީގެ ޓުރިންގައި ކުރިއަށްދާ ބައިނަލްއަގުވާމީ ލަވާޒާ ބަރިސްތާ ޗެލެންޖް 2025 ގައި ރާއްޖެ ތަމްސީލުކުރާ ބ. އޭދަފުއްޓަށް އުފަން ޒައިން ސަމީރު (25) ވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލައިފައެވެ. މިއީ މި ފަދަ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ ބަރިސްތާއެވެ.
އަނަންތަރާ ކިހާވަށް ރިސޯޓުގެ އެފްއެންޑްބީގައި މަސައްކަތްކުރަމުންދާ ޒައިންއަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ގައުމީ ފެންވަރުގެ ބަރިސްތާ ޗެލެންޖުން ޗެމްޕިއަންކަން ހޯދުމާ ގުޅިގެންނެވެ. މި މުބާރާތުގައި ޖުމުލަ 16 ގައުމެއްގެ ގައުމީ ޗެމްޕިއަނުން ވާދަކުރެއެވެ.

މުބާރާތުގައި ޒައިން ވަނީ ދިވެހި މާހައުލާ ގުޅޭ ގޮތަށް ޖުމްހުރީ މޭވާ އަދި ކުރުނބާ ހިމެނޭ ގޮތަށް ޚާއްސަ މޮކްޓެއިލްއެއް ތައްޔާރުކޮށް ހުށަހަޅާފައެވެ. އޭނާ ތައްޔާރުކުރި މޮކްޓެއިލްގައި އެއްވެސް ބަނގުރަލުގެ ބާވަތެއް ހިމަނާފައި ނުވާކަން ފާހަގަކުރެވެއެވެ.

މުބާރާތުގައި އިއްޔެ ނުވަ ގައުމެއްގެ ބަރިސްތާއިން ހުނަރު ދައްކާލާފައިވާއިރު، މިއަދު ބާކީ އޮތް އަށް ބަރިސްތާއިންގެ ހުނަރު ދެއްކުމަށްފަހު މުބާރާތުގެ ނަތީޖާ އިއުލާންކުރުން އޮންނާނެއެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޒައިން ވަނީ ޔޫރޯ މާކެޓިންގގެ އެހީގައި ލަވާޒާގެ ސެޓިފައިޑް ޓްރެއިނަރުންނާއެކު ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ.
1895 ވަނަ އަހަރު އިޓަލީގެ ޓުރިންގައި އުފެދުނު ލަވާޒާއަކީ ރާއްޖޭގައި އެންމެ މަގުބޫލު ކޮފީ ބްރޭންޑެވެ. ރާއްޖޭގައި ލަވާޒާ ކޮފީ މާކެޓްކުރަމުން އަންނަނީ ޔޫރޯ ސްޓޯރުންނެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ޒައިންއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.