ދިވެހީންނަށް ޓިކްޓޮކް މެދުވެރިކޮށް ފައިސާ ލިބޭނެ މަގުތައް ހޯދަން މަޝްވަރާކޮށްފި

ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް މަޤްބޫލުކަން ހޯދާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކް މެދުވެރިކޮށް ދިވެހިންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޓިކްޓޮކްގެ އިސްވެރިންގެ ވަފުދަކާ ދެމެދު މަޝްވަރާތައް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން “އެކްސް” ގައި މިއަދު ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވަނީ، މިވަގުތު ރާއްޖޭގައި ހުންނެވި ޓިކްޓޮކްގެ އިސް ވަފުދަކާއެކު މިނިސްޓްރީގެ އިސްވެރިން ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގައި، ޑިޖިޓަލް މޮނެޓައިޒޭޝަންގެ ޒަރީއާއިން ދިވެހިންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ ޕްލެޓްފޯމެއްކަމަށްވާ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް އާމްދަނީ ލިބެމުންދަނީ ކްރިއޭޓަރ ފަންޑް ނުވަތަ ރިވޯޑްސް ޕްރޮގްރާމާއި، ލައިވްސްޓްރީމްތަކުން ލިބޭ ހަދިޔާތަކާއި ބްރޭންޑް ކޮލަބަރޭޝަންތައް ފަދަ ގޮތްގޮތުންނެވެ. އަދި މީގެއިތުރުން، އެކިއެކި ޕްރޮޑަކްޓްތައް ޕްރޮމޯޓްކޮށްގެންނާއި އަމިއްލައަށް އުފެއްދުންތައް ވިއްކައިގެންވެސް އާމްދަނީ ހޯދައެވެ. ބައެއް ބޭނުންކުރާ ފަރާތްތަކުން ޓިކްޓޮކް ޝޮޕް މެދުވެރިކޮށް ސީދާ އެޕްލިކޭޝަން ތެރެއިން އުފެއްދުންތައް ވިއްކައިގެން ނުވަތަ ޕްރޮމޯޓްކޮށްގެންވެސް އާމްދަނީ ހޯދުމުގެ ފުރުޞަތު ލިބިފައިވެއެވެ.

ނަމަވެސް، މިވަގުތު ދިވެހިންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ލިބެނީ ހަމައެކަނި ލައިވްސްޓްރީމްތަކުން ލިބޭ ހަދިޔާތަކުންނެވެ.

ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމްތަކަކީ ރާއްޖޭގައި ވަރަށް މަޤްބޫލް ޕްލެޓްފޯމްތަކެއް ނަމަވެސް، އެހެނިހެން ޤައުމުތަކުގެ ރައްޔިތުންނަށް ލިބިފައިވާ އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އަދިވެސް ދިވެހިންނަށް ފަހިވެފައެއް ނުވެއެވެ. މިކަން ޙައްލުކޮށް އެފަދަ ފުރުޞަތުތައް ދިވެހިންނަށް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.