
ބ. ގޮއިދޫ ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިންޝާ މުޙައްމަދު ވަޖީހު ހޮވައިފި އެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ އިތުރުން އިންޝާ ވަނީ އޯލެވެލްގައި އެންމެ މާއްދާއަކުން ފިޔަވައި، ހުރިހާ މާއްދާއަކުން އޭ ގްރޭޑާއި އޭ ޕްލަސް ގްރޭޑް ހޯދައި، ޤައުމީ 10 ވަނައިގެ ތެރޭގައި ޖާގަ ހޯދާފަ އެވެ.
އިންޝާ މި ކާމިޔާބީތައް ހޯދާފައިވަނީ ސިއްޙީ ގޮތުން އޭނާއަށް ކުރިމަތިވެފައިވާ ދަތިތަކާވެސް އެކުގައެވެ. ކޮންމެ ދުވަހަކުހެން ފިޓް ޖެހޭ އިންޝާއަށް، ސިކުނޑީގައި އުފެދިފައިވާ ޓިއުމަރަކާ ދެކޮޅަށް ހަތް އަހަރު ވަންދެން ހަނގުރާމަ ކުރަންޖެހިފައިވެއެވެ.
އެ ސްކޫލުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ހަފުލާގައި، އިންޝާއަށް އިނާމުގެ ގޮތުގައި ޓްރޮފީ އާއި ޝީލްޑްގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.
އެއީ އެންމެ މޮޅު ދަރިވަރަށް ހޮވުމާ ގުޅިގެން އެރަށު ކައުންސިލުން ދިން 30,000 ރުފިޔާ އާއި އަންހެނުން ކޮމެޓީން ދިން 3,500 ރުފިޔާ އާއި ގޮއިދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އާއި ބްރަދަރ މޯލް، މިއިން ކޮންމެ ތަނަކުންވަނީ 2,000 ރުފިޔާ ދީފައެވެ. މީގެ އިތުރުން އަމިއްލަ ފަރާތަކުންވެސް ވަނީ 500 ރުފިޔާ ދީފައެވެ.
މީގެ އިތުރުން އޯލެވެލްގައި ހޯދި ކާމިޔާބީއާ ގުޅިގެން އެރަށު ކައުންސިލުން ސްޓާ ސްޓޫޑަންޓް އެވޯޑްގެ ގޮތުގައި 20,000 ރުފިޔާ އާއި ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާތީ އެސްކޫލުގެ ޕީޓީއޭ އިން 5,000 ރުފިޔާ އަދި އަންހެނުން ކޮމެޓީން ވަނީ 2,000 ރުފިޔާ ދީފައެވެ.
އިންޝާ މިހާރު ތައްޔާރުވަމުން އަންނަނީ އޭލެވެލްއަށެވެ. އަދި އޭގެފަހުން މެޑިސިންގެ ދާއިރާއަށް ދިއުމުގެ އުންމީދުގައި، ޑޮކްޓަރަކަށްވުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ.
އިންޝާގެ ވަރުގަދަ ރޫޙާއި ކެރުންތެރިކަމަކީ ހިތްވަރު ހުރިނަމަ، ކޮންމެ ކަމެއްގައިވެސް ކާމިޔާބު ހޯދިދާނެކަމުގެ ހެއްކެވެ.