
ހިމާޔަތްކޮށްފައިވާ ބ. ނެލިވަރު ފިނޮޅަށް ސޮނެވާފުށި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ޓޫރިސްޓުންގެ ބަޔަކާ އެކު ގޮސް އެ ސަރަހައްދުގައި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ހިންގި މައްސަލައިގައި 448,375 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ނޮވެމްބަރު 9، 2023 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ނެލިވަރަށް އެ މީހުން އަރައި އެ ސަރަހައްދުގައި އެކި ކަންކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވް އޮފީހުންނާއި ޕޮލިހުން އެ އެޖެންސީއަށް މި މައްސަލަ ހުށަހެޅުމުން ބެލިއިރު ގިނަ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށެވެ.
އީޕީއޭއިން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި، އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުމާއި، އަލިފާން ރޯކުރުމާއި ގެންގުޅުން ހިމެނެއެވެ.
އީޕީއޭ އިން ބުނީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން ނެލިވަރަށް ގޮސް ސޮނެވާފުށީގެ މުވައްޒަފުން ޓޫރިސްޓުންނާ އެކު އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
އެ މީހުން އެ ސަރަހައްދުން ދިޔައީ ކުރިޔަށް ގެންދަން ރާވާފައިވާ ހުރިހާ ކަމެއް ނިންމައި އެ ތަން ސާފުކޮށްފައި ކަމަށާއި ސޮނެވާފުށިން ފޮނުވާފައިވާ ސިޓީއެއްގައި އެ ހުރިހާ ކަމަކަށް އިޢުތިރާފްވެފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
ރިސޯޓުގެ ސިޓީގައި، އެ ދުވަހު ސޮނެވާފުށީގެ މުވައްޒަފުން، ޓޫރިސްޓުން ހިމެނޭ ގޮތަށް 10 މީހުންނާ އެކު ނެލިވަރު ސަރަހައްދަށް އިރުއޮއްސި 6:00 ގެ ފަހުން ވަދެފައިވާކަމާއި، އެ ސަރަޙައްދަށް ވަދެފައިވަނީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ނުހޯދާކަން، އަދި އެ ސަރަހައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލިކަމާއި އެ ސަރަހައްދުގައި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން ފާހަގަކޮށްފައިވެއެވެ.
އީޕީއޭ އިން ބުނީ އެ ކަންކަމަކީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާ ޢަމަލުތަކެއް ކަމަށެވެ.
އީޕީއޭ އިން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދައްކަން އަންގާފައެވެ.