
ޓޫރިޒަމް ކުރިއަރާފައި ނުވާ ފަސް އަތޮޅަކަށް ޚާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން، ރައީސް ވިދާޅުވީ މިހާތަނަށް ޓޫރިޒަމް ކުރިއަރާފައި ނުވާ ރަށްތަކަށް ޓޫރިޒަމް ގެންދިޔުމަށް ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ.
އެގޮތުން މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅަށެވެ. މި އަތޮޅުތަކުގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް އިންވެސްޓަރުން ޝައުޤުވެރިކުރުވުމުގެ ގޮތުން ލޭންޑް އެކުއިޒިޝަން ކޮސްޓާއި އިމްޕޯޓް ޑިއުޓީން ޚާއްސަ ލުއިތަކެއް ދެވޭނެއެވެ.
“ފަސް އަތޮޅަށް އެކަނި ސަންސެޓް ކްލޯޒެއް ލާފައި ހުޅުވާލުމަށް. އެކުއިޒިޝަން ކޮސްޓަށް ލުއިތަކެއް ލާނެ، އިމްޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީއަށް ލުއިތަކެއް ދޭނެ. މި އާއެކު މި އަތޮޅުތަކަށް އިންވެސްޓުކުރާނެ ފަރާތްތައް ލިބިގެންދާނެ ކަމަށް މި ބަލަނީ،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ލުއިތަކަކީ ވަކި މުއްދަތަކަށް ދެވޭ ލުއިތަކެއް ކަމަށާއި، މުއްދަތު ހަމަވުމުން މި އަތޮޅުތަކުން ވެސް އާންމު އަދަދުތަކުން ޑިއުޓީ އާއި ޓެކްސް ނެގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫގައި ކްރޮސް ސަބްސިޑީގެ އުސޫލުން ޓޫރިޒަމްގެ ބިޔަ މަޝްރޫޢުއެއް އިޢުލާނު ކުރެވިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ، މި އާ އުސޫލުތަކަށް ގެންނަ ބަދަލުތަކާއެކު ކަމާ ބެހޭ ގަވާއިދު މި މަހު ތެރޭގައި އާންމުކޮށް ހުޅުވާލެވޭނެ ކަމަށް އިއުލާނު ކުރައްވައިފަ އެވެ.