
ލޯކަލް ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ‘ބްލޮކް ގްރާންޓް’ ބޭނުންކުރާ ގޮތް މޮނިޓަރކުރުމަށް ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގެ މި ހަފްތާގެ އެޕިސޯޑްގައި ރައީސް ފާހަގަކުރެއްވީ ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓްގެ ފައިސާ ބޭނުންކުރާ ގޮތާމެދު ކަންބޮޑުވުން ހުރި ކަމަށެވެ.
“މިހާރު ހަދާ ގޮތަކީ ބްލޮކް ގްރާންޓް ނަގައިގެން މި ދަނީ ތަޖުރިބާ ދަތުރު ކިޔާފައި ބެންގްކޮކާއި އަނެއް ތަނަށް މުޅި ކައުންސިލް އޮތް ގޮތަށް. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އޭގެއިން ކުރަނީ,” މާލޭގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ދޫކުރެވޭ ފައިސާ ޚަރަދުނުކޮށް ދައުރު ނިމޭއިރު ސޭވްކޮށްގެން ބަހައްޓާ ކަންވެސް ފާހަގަކުރެވޭ ކަމަށެވެ.
“[ސަރުކާރުން ނިންމީ] ކައުންސިލްތަކަށް ލިބޭ ފައިސާ ހޭދަކުރާ ގޮތް، ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާ ގޮތް ވެސް ރައްޔިތުންނަށް އެންމެ ފައިދާކުރާ ގޮތަށްތޯ ހޭދަކުރަނީ ބެލޭނެ ނިޒާމެއް ވެސް ގެންނަން، ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް,” ރައީސް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 5% ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާއިރު، 2024 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ހިމަނާފައިވަނީ ބަޖެޓުގެ 2% އެވެ.