
ބ. އޭދަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 75.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އާއި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި އެއްބަސްވުމުގެ ދަށުން އާރުޑީސީން ކުރިއަށް ގެންދާނީ 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި އަދި މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.
އޭދަފުށީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ވަނީ 2019 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ. އެ ފިޔަވަހީގެ ދަށުން 17,785 އަކަމީޓަރުގެ މަގު ހަދައި، ފެންހިންދާ ނިޒާމު ގާއިމްކޮށް އަދި 172 އެލްއީޑީ ބޮކި ހަރުކޮށްފައިވެއެވެ.