25 ޑޮލަރު ނަގަނީ ގާނޫނާއި ހިލާފަށް: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 25 ޑޮލަރު ނެގުމަށް ސަރުކާރުން މަސައްކަތްކުރަނީ ގާނޫނާއި ހިލާފަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނެގުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް މަރުހަލާގައި އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ 25 ޑޮލަރު ނަގަނީ ޖީއެމްއާރަށް ދެއްކި ފައިސާ ފޫބައްދަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ރިޒާވުގައި ބަހައްޓާފައިވާ އެއްވެސް ފައިސާއެއް ނުވަތަ އެފަދަ މުދަލެއް ހަރަދު ކުރުމުގެ ކުރިން މަޖިލީހުން ފާސްކުރުމަށް ގާނޫނު އަސާސީ ލާޒިމުކުރެ އެވެ.

“މަޖިލީހުން ފާސްކުރުމެއްނެތި، ޖީއެމްއާރަށް ފައިސާ ދެއްކުމުގެ ގޮތުން އެމްއެމްއޭ މެދުވެރިކޮށް ބޮންޑުތަކެއް ގަނެގެން 250 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ޖީއެމްއާރަށް ދެއްކި. މިއަދު މި އައީ އެއާޕޯޓް ޑިވެލޮޕްމަންޓްގެ ނަމުގައި 25 ޑޮލަރު ނެގުމަށް. އެހެންވީމައި އަޅުގަނޑުމެންނަށް އެނގޭ މިވަނީ ކީއްކަން،”

އަލީ ހުސައިން ވިދާޅުވީ ޑިވެލޮޕްމަންޓް ޗާޖަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ނަގާއެއްޗެއް ކަމަށާއި ނަމަވެސް އެއީ އުސޫލުތަކެއްގެ ތެރެއިން ކުރާކަމެއް ކަމަށެވެ. އަދި ޑިވެލޮޕްމަންޓް ޗާޖަކީ ތަރައްގީކޮށް، ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ފަހުގައި ނަގަމުންދާ އެއްޗެއްކަމަށާއި އަވަށްޓެރި އިންޑިއާގެ ސްޕްރީމް ކޯޓުންވެސް އެގޮތައް ނިންމާފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

“ޑިވެލޮޕްކުރި ހަރަދު ކަނޑައަޅާ ބަޔާންކުރުމަށް ފަހުގައި، އެހަރަދު ހޯދުމަށް ނަގާއެއްޗެއް ޑިވެލޮޕްމަންޓް ޗާޖަކީ. މިހާރު ނަގަން މިއުޅެނީ އެއްގޮތަކަށްވެސް ޑިވެލޮޕްމަންޓް ޗާޖެއް ނޫން. އެއަށް ނަން ކިއިދާނެ، ނަމަވެސް އެއީ ކަނޑައެޅިގެން ރޯ ޓެކްސްއެއް،”

އަލީ ހުސައިން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޓެކްސްއާއި ޗާޖު އޮޅުވާލައިގެން ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނެގުމަށް ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރޭ ވަނީ ފާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.