ބ. އަތޮޅުގެ ދަރިވަރުންނަށް މެރިން ބައޮލޮޖީ ތަމްރީނު ޕްރޮގްރާމެއް

ފޯ ސީޒަންސް ލަންޑާ ގިރާވަރު ރިސޯޓުގައި މެރިން ބައޮލޮޖީ ދާއިރާއިން ދަރިވަރުން ތަމްރީނުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ބ. އަތޮޅު ކައުންސިލާއި ބަޔޮސްފިއާ ރިޒާވްއާއި ލަންޑާ ގިރާވަރު ރިސޯޓު ގުޅިގެން ކުރިއަށްގެންދާ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. 10 ސްކޫލަކުން 24 ދަރިވަރުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން މުރަކަ ފްރޭމްތަކުގައި ހަރު ކުރާނެ ގޮތާއި އެ ފްރޭމްތައް މޫދުގައި ބަހައްޓާނެ ގޮތުގެ އިތުރުން މުރަކައިގެ ދިރުން އާލާ ވާގޮތްތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވެލާ އާއި މަޑި ފަދަ ކަނޑުއަޑީގެ ދިރުންތަކާ ބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް، މެރިން ބަޔޮލޮޖިސްޓުންނާއި ކަނޑުގެ ދިރުން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ދަރިވަރުންނަށް ކިޔާދޭނެ އެވެ.

ބ. އަތޮޅުގެ ސްކޫލްތަަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި އިންޓަރންޝިޕް ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ކޮލެޖް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ، މުރަކައިގެ ދިރުމުގެ މުހިންމުކަން އެނގެން ޖެހޭ އެންމެ މުހިންމު އެއްބަޔަކީ ދަރިވަރުންކަމަށެވެ.

“ދިވެހިރާއްޖެ މި ވުޖޫދުވެފައި މިއޮތީ ފަރުތަކުގެ ސަބަބުން. މި ފަރުތަކުގެ ސަބަބުން ރަށްތައް މި އޮންނަނީ. އަހަރެމެންގެ އިޤްތިޞާދު ބިނިވާވަނީ މިކަމަށް. ވުމާއެކު އަޅުގަނޑުވަރަށް ބޮޑަށް އުފާކުރާ ކަމެއް މިއީ މިކަންތައް ދަސްކުރުމަށް އެކި ސްކޫލްތަކުން ކުދިން އައިކަން،” ޑރ. ޖައުހަރީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ބ. އަތޮޅު ކައުންސިލްގެ ނައިބު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ، ބ. އަތޮޅަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައި އޮތް އަތޮޅެއް ކަމުން އެ ކަން ދެމެހެއްޓުމަށް ކުރަންޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތަކީ އަތޮޅުގެ ފަރުތަކުގެ މުއްސަނދިކަމާއި ދިރުން ހިމާޔަތް ކުރުންކަމަށެވެ.

ބ. އަތޮޅު ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ފޯ ސީޒަންސް ލަންޑާ ގިރާވަރުން އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގަމުން މި އަންނަ އެވެ. މިއީ އެ ރިސޯޓުން ކުރިއަށްގެންދާ މިފަދަ ތިންވަނަ ޕްރޮގްރާމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.