
ޗައިނާ ސަރުކާރުގެ އެހީގައި ބ. އަތޮޅުގެ ހަ ރަށެއް ހިމެނޭހެން ޖުމްލަ 50 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢު ހިންގުމަށްޓަކައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ލެޓަރ އޮފް އެކްސްޗޭންޖުގައި މިދިޔަ ހަފްތާގައި ސޮއިކޮށްފައިވާއިރު، މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބު ސޮއި ކުރައްވާފައިވާއިރު، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ އެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އާ އޮފީސް އިމާރާތްކުރުމަށް ހިންގާ މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ލެޓާ އޮފް އެކްސްޗޭންޖަކީ ދިވެހި ސަރުކާރުން ޗައިނާ ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން ސޮއިކުރި އެއްބަސްވުމެއް ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ކަމަށެވެ.
އެ މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ބައިވެރިވުން އޮތީ ފަންނީ މަސައްކަތްތަކުގައި ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އެއާ އެކު، ދެން ކުރިއަށް ގެންދާނީ ކޮންސަލްޓަންޓެއް އައްޔަންކޮށް، ޑިޒައިން މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ޗައިނާގެ އެހީގައި ބ. އަތޮޅުގައި ކައުންސިލް އިމާރާތް އަޅާ ރަށްތައް:
– ބ. ކަމަދޫ
– ބ. ކުޑަރިކިލު
– ބ. ފެހެންދޫ
– ބ. އޭދަފުށި
– ބ. ތުޅާދޫ
– ބ. ކިހާދޫ
މި މަޝްރޫއު ގާއިމްކުރުމަށް ހަވާލުކުރެވުނު ޗައިނާ އެއިޑްގެ ދަށުން 50 ކައުންސިލް އިދާރާތަކުގައި އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ހިންގައި، މަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ޒަމާނީ ވޯކްސްޕޭސް އެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

