ބ. އަތޮޅު ޕޮލިސް ގްރެޓިޓިއުޑް ގަލާ ނައިޓް ބާއްވައިފި

މިދިޔަ އަހަރު ކުރެވުނު މަސައްކަތްތައް ފާހަގަކުރުމަށްޓަކައި ބ. އަތޮޅު ޕޮލިސް ގްރެޓިޓިއުޑް ގަލާ 2024 ބާއްވައިފި އެވެ.

އަރަބި ތީމެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބ. އޭދަފުށީ މަލްޓި-ޕާޕަސް ހޯލުގައި ބޭއްވި މި ހަފްލާގެ ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

މި ހަފްލާގައި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ، އަދި ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ނަބީލް ހިމެނެއެވެ.

މި ހަފްލާގައި މިދިޔަ އަހަރު އެކި ދާއިރާތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވެ އެވެ.  އޭގެ ތެރޭގައި އެންމެ ރަނގަޅު އިދާރީ އޮފިސަރު، ސިވިލް އޮފިސަރުން، އެންމެ ރަނގަޅު ޕޯސްޓް، ސްޓޭޝަން އިންޗާޖް، ޕޯސްޓް އިންޗާޖް، ތަޙުޤީޤު އޮފިސަރުން، ޕެޓްރޯލް އޮފިސަރުން، އަދި ޝިފްޓް އިންޗާޖްގެ އެވޯޑްތައް ހިމެނެއެވެ.

އަދި މީގެ އިތުރުން، މެންޓަރޝިޕް، ބީކަން އޮފް ކޮންޓްރިބިއުޝަން، އަދި ކޮލަބޮރޭޝަން އެންޑް ޓީމްވޯކް އެވޯޑްތައްވެސް ދީފައިވެ އެވެ.

ހަމައެއާއެކު، ބ. އަތޮޅުގައި 10 އަހަރު، 15 އަހަރު، އަދި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށްވެސް ހަނދާނީ ފިލާ ހަވާލުކުރެވުނެވެ.

މީގެ އިތުރުން، ބ. އަތޮޅު މުވައްޒަފުންގެ މެދުގައި ބޭއްވުނު ލަކީ ޑްރޯއެއްގައި، 8 މުވައްޒަފަކަށް ބ. އަތޮޅުގެ 8 ރިސޯޓެއްގައި ދެ މީހުންނަށް ޗުއްޓީއެއް ހޭދަކުރުމުގެ ފުރުޞަތު ލިބުނެވެ. އަދި އެހެން ލަކީ ޑްރޯ ވިންނަރަކަށް ފްރީ ޑައިވް މޯލްޑިވްސްއިން ފްރީޑައިވިންގ ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނެވެ.

ގަލާގައި ބ. އަތޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ހުށަހެޅި އެކި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނުނެވެ. އޭގެ ތެރޭގައި މިއުޒިކަލް ޕަފޯމަންސްތަކާއި، ކޮމެޑީ ސްކިޓްތަކާއި، ޑާންސް ޕަފޯމަންސްތައް ހިމެނެއެވެ.

މި ގަލާ ކާމިޔާބުކަމާއެކު ބޭއްވުމަށް ބ. އަތޮޅުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާއި، އެކި މުއައްސަސާތަކާއި، ވިޔަފާރިތަކާއި، އަދި ރިސޯޓުތަކުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ފުލުހުން ޝުކުރު އަދާކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.