އޭދަފުށިން ގޯތި ދޫކުރުން: ބްލޮކްތައް ވަކިކުރަން ކަންމުޑި ޖަހަން ފަށައިފި

ބ. އޭދަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރާ ސަރަހައްދުގެ ބްލޮކްތައް ވަކިކުރުމަށް ކަންމުޑި ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، ހިއްކި ބިމުން ގޯތި ދޫކުރާ ސަރަހައްދުތަކުގެ ބްލޮކްތައް ވަކިކުރުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު އެވެ.

އޭދަފުށީ ހިއްކި ބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،200 އަކަފޫޓުގެ 183 ގޯއްޗެވެ. ބްލޮކްތައް ވަކިކުރުމުގެ މަސައްކަތް ނިމުމުން، ދެން ކުރިއަށްދާނީ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމާއި، ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމުގެ މަސައްކަތެވެ. ރަށު ކައުންސިލުން ފާހަގަކުރި ގޮތުގައި މި މަސައްކަތްތައް ކުރިއަށްގެންދާނީ ޢީދު ފަހުންނެވެ.

36 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު

3،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރު އެވެ. އެ އަހަރު 659 ގޯތި ދޫކުރެވުނު ނަމަވެސް، އޭގެ ފަހުން ބިމުގެ ދަތިކަމުގެ ސަބަބުން ގޯތި ދޫކުރެވިފައެއް ނުވެ އެވެ. ރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް، މިދިޔަ 11 އަހަރު ވަންދެން ހިއްކި ބިމުން ގޯތި ދޫނުކުރެވުމުގެ ސަބަބުން އާންމުންގެ ހިތްހަމަނުޖެހުން ވަނީ އިތުރުވެފައެވެ.

ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢުވެސް ކުރިއަށް

ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިދިޔަ ހަފުތާގައި އިޢުލާނުކުރި އިރު، ސަރުކާރުން އަންނަނީ އޭދަފުށީގައި 1،000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ 12 ޓަވަރެވެ. މި މަސައްކަތް ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.