އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރަން އަންގައިފި

ކުރިއަށް އޮތް އަޟްޙާ އީދު ފާހަގަކުރުމުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން އަންގައިފިއެވެ.

މިކަން އަންގާފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.


އެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އިސްލާމީ ހުދޫދުގެ ތެރޭގައި އީދު ފާހަގަކޮށް، އެ ދުވަހުގެ އުފަލުގައި ދިވެހި އެންމެން ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމެކެވެ. އެހެންކަމުން، އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފައިވެއެވެ.

“މި އަހަރުގެ އަޟްޙާ އީދު ފާހަގަކުރުމުގައިވެސް އިސްލާމީ ތަރަހައިގެ ތެރޭގައި، އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ،” ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި އަހަރުގެ އަޟްޙާ އީދު އަންނަނީ މި ހަފްތާގެ ހުކުރު ދުވަހަށެވެ. ކޮންމެ އަހަރަކުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އަޟްޙާ އީދު ފާހަގަކުރެވެނީ ކުލަގަދަކޮށެވެ. އަދި ހަމައެއާއެކު، ރަށްރަށުގައި އީދު ފާހަގަކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގާފައިވާކަން ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

“އަދި އީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރުކުރެއްވުމަށް ދައުލަތުގެ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް ދަންނަވަމެވެ،” ނޫސްބަޔާނުގައި ބުނެފައިވެއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.