މޫދަށްއެރޭ ސަރަހައްދު ހެދުމަށް އާންމުންގެ ހިޔާލު ހޯދަނީ

ބ. އޭދަފުށީ ދެކުނު ފަރާތުގައި މުދަށް އެރޭ ސަރަޙައްދެއް ގާއިމްކުރުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ، އޭދަފުށީ ދެނުކު ފަރާތުގައި ގާއިމުކުރާ “މޫދަށްއެރޭ ސަރަހައްދުގެ މަޝްރޫއުއަށް” ހިޔާލު ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ މަޝްރޫއު އާ ގުޅޭ ހުރިހާ މައުލޫމާތެއް އެކަމަށް ހާއްސަކޮށް ހަދާފައިވާ ގޫގަލް ފޯމް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 10 ކަމަށާއި މި ސާވޭއަކީ މި މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމަޢުއަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔަރ) އިން ތިމާވެށީގެ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރާ ސާވޭއެއް ކަމަށް ކައުންސިލުން ބުންޏެވެ.

މި މަޝްރޫއުއަށް އާއްމުންގެ ހިޔާލުހޯދަން ހުޅުވާލިއިރު، މިދިޔަ ހަފްތާ ކައުންސިލުން ވަނީ މި މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައެވެ.

އޭދަފުށީ ކައުންސިލުގެ ބަޖެޓުން 4.63 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެންދާ މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މޫދަށްއެރޭ ސަރަހައްދު ހެދުމަށް 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން މޫދުން އެރުމަށްފަހު ފެންއެޅޭނެ ގޮތަށް އެ ސަރަޙައްދުގައި ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ރޭވިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ދެރަށު މީހާ

    ތިތަން ހަދަން ޖެހޭނީ އިރުމަތީ ކޮޅުގައި ފުށިފިންނާ ދިމާ. އޭރުން މާބޮޑު ފަރަށް ގެއްލުން ނުވާނެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.