އިޖުތިމާއީ އިމުން ބޭރުނުވެ އީދު ފާހަގަކުރަން އެލްޖީއޭއިން ވެސް އެދިއްޖެ

ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު، އިސްލާމް ދީނުގެ އިމުން ބޭރުނުވެ، މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުނުވާނެ ގޮތަށް ހަރަކާތްތައް ހިންގާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އަންގައިފި އެވެ.

ސިޓީ، އަތޮޅު އަދި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރއެއްގައި އެލްޖީއޭއިން ބުނެފައިވަނީ، އީދު ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި، އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތައް ދިރުވައި އާލާކުރުމުގެ އިތުރުން ދިވެހި ސަގާފަތާއި އާދަކާދަ ދިރުވުން ކަމަށެވެ.

“ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލުތަކުގެ ވެސް ޤާނޫނީ ޒިންމާއެއް. އެހެންކަމުން، އީދު ފާހަގަކުރުމަށް އިންތިޒާމްކުރާ އެންމެހައި ހަރަކާތްތަކަކީ އިސްލާމްދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތަކެއްކަން ކަށަވަރުކުރަންޖެހޭ،” އެލްޖީއޭގެ ސަރކިއުލަރގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުނުވާނެހެން ކަންކަން އިންތިޒާމްކުރުމަށްވެސް އެލްޖީއޭއިން ކައުންސިލްތަކަށް އަންގާފައިވެއެވެ.

ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރުމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ސަރވިސް މިނިސްޓްރީން ވެސް މީގެކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުގެ ބޮޑު އީދު ޤައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަން ހިމެނެއެވެ. މި ތިން ރަށަށް މިހާރު ވެސް ގިނަ ބަޔަކު ވަނީ ޒިޔާރަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.