
ބ. ދަރަވަންދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ “މަގޭ ބަގީޗާ” މިއަދު ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ 8:30 ގައި ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތުގައި މި ޕާކު ހުޅުވައިދެއްވީ ޑްރީމްލޭންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޙަނީފެވެ. މި ޕާކަކީ ކައުންސިލްގެ މުވައްޒަފުން އެ މީހުންގެ ހުސްވަގުތުތަކުގައި މަސައްކަތްކޮށްގެން ނިންމާފައިވާ ތަނެއް ކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މިއީ މި ސަރަހައްދުގައިވެސް މިހާތަނަށް ހުޅުވި އެންމެ ބޮޑު އަދި އެންމެ ހިއްގައިމު އެއް ޕާކެވެ.
ރަށުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ މި ޕާކުގައި ކެފޭއަކާއި، ފާޚާނާގެ އިތުރުން ކުޑަކުދިންނަށް ސްކޭޓްކުރެވޭނެ ޒަމާނީ ސަރަހައްދެއް ހިމެނެއެވެ. އަދި އައުޓްޑޯ ޖިމެއްގެ އިތުރުން ދުވާ ޓްރެކަކާއި، ދުވަސްވީ މީހުންނަށް ރާޒުވާ ކުޅެވޭނެ ފިނި ސަރަހައްދެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
މި ޕާކު ތަރައްގީކުރުމުގައި ރަށުގެ ކްލަބް ޖަމްޢިއްޔާތަކާއި ވިޔަފާރިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. ޕާކުގެ ޒަމާނީ ސިފަ އިތުރުކުރުމަށް ފެންއަރުވާ ވަޑާމަކާއި މަސް ފެންގަނޑެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ރޮބޯ މޭންގެ ޝޯއަކާއި ސްކޫލް ކުދިންގެ ސަގާފީ ޝޯއެއް ވަނީ ބާއްވައިފަ އެވެ. އަދި ހަވާއެރުވުމުގެ ހަރަކާތްތައްވެސް ރޭ ވަނީ އެރަށުގައި ބާއްވައިފައެވެ.

