
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ 6 ވަނަ ސީޒަންގެ ގަދަ ދިހައިގެ ތެރޭގައި ތުޅާދޫގެ ޢާއިޝަތު ފިނާ ފިރާޤް ހިމެނިއްޖެ އެވެ.
ފާއިތުވި ދެ ހަފުތާގައިވެސް އެހުންތެރިންގެ މަގުބޫލު ޕްރެޒެންޓަރގެ އެވޯޑު ހޯދި ފިނާ ވަނީ މިހާތަނަށް ދައްކާފައިވާ ހުނަރުތަކުން އެހުންތެރިންގެ ތަރުހީބު ހޯދާފައެވެ. އެހެންނަމަވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދޮއުމަށް އޭނާއަށް ބޭނުންވަނީ އިތުރު އެހީތެރިކަމެކެވެ.
ފިނާ ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު އޭނާ އަށް ވޯޓު ދިނުމަށެވެ. ޚާއްޞަކޮށް ބ. އަތޮޅުގެ ލޮބުވެތި ރައްޔިތުންގެ ވޯޓް ވަރަށް މުހިންމެވެ.
މުބާރާތުގައި ވޯޓު ދެވޭނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓު ދިނުމަށް އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު، އެޕްލިކޭޝަން މެދުވެރިކޮށް ވޯޓު ދެވިދާނެއެވެ.
މުބާރާތުގެ އެއްވަނަ ހޮވުމުގައި ފަނޑިޔާރުންގެ 70 އިންސައްތައާއި އެހުންތެރިންގެ 30 އިންސައްތަ ވޯޓު ބެލޭނެއެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ފަރާތަށް 25,000 ރުފިޔާގެ ފައިސާގެ އިނާމާއެކު، އެއް އަހަރު ދުވަހަށް ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެހުންތެރިންގެ ވޯޓު ދިނުމުގެ ފުރުސަތު މި މަހުގެ 10 ވާ އަންގާރަ ދުވަހުގެ މެންދަމު 12 ޖަހަންދެން ހުޅުވާލެވިފައިވާއިރު، ދެވަނައަށް 20,000 ރުފިޔާ އަދި ތިންވަނައަށް 15,000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވެއެވެ.
މި މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުހިންމު މުބާރާތެކެވެ.

