
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އިތުރަށް ބަލަހައްޓައި އެ ތަންތަނުން ނަފާހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގައި 93 ސަރަހައްދެއް ވަނީ ހިމާޔަތްކުރެވިފައެވެ. ނަމަވެސް މީގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓެމުން ދަނީ އެންމެ 5 ސަރަހައްދެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މި ވަގުތު ތިން ބަޔޮސްފިއާ ރިޒާވް ވެސް އެބައޮތެވެ. އެއީ، ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައެޅި ބ. އަތޮޅުގެ އިތުރުން އައްޑު އާއި ފުވައްމުލަކެވެ. ސަރުކާރުން މިހާރު ވަނީ ޅ. އަތޮޅު ވެސް ބަޔޮސްފިޔާ ރިޒާވަކަށް ހަދަން ނިންމައިފަ އެވެ.
“މިތަންތަނުގެ އިތުރުން ދެން ހުރި ހުރިހާ ސަރަހައްދަކީ ހިމާޔަތްކޮށްފައި އޮތެއްކަމަކު ނުބެލެހެއްޓޭ ތަންތަން. މިތަންތަން ބެލެހެއްޓުމުގެ ކަންތައްތަކެއް އެބަ ރާވަން ޖެހޭ. މިތަންތަނުން ނަފާ ލިބޭނޭ ގޮތް ހަދަން ޖެހޭ،“ ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ މުއްސަނދިކަން ބަލާލުމަށް އަންނަ ފަތުރުވެރިންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ފަތުރުވެރިންނަށް ތަޖުރިބާކުރެވޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކޮށް، އިތުރު 3 ބަޔޯސްފިއަރ ރިޒާވް ގާއިމުކުރުން ހިމެނެއެވެ.

