
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ފްރީޑައިވް މޯލްޑިވްސްއާ ގުޅިގެން ސްނޯކްލިން ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ބާއްވާ “ބާނި” އިވެންޓްގައި އޭދަފުށިން ބައިވެރިވާނެކަން އިއުލާން ކޮށްފި އެވެ.
އަންނަ އޮކްޓޯބަރު 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަށް އަންނަ މަހު ރަޖިސްޓަރީވުމަށް ހުޅުވާލާނެ އެވެ.
އެ ހަރަކާތް އޮންނާނީ އެ އަތޮޅު އަނގަފަރު ސަރަހައްދުގަ އެވެ. އެތަނަށް އެއް ފަހަރާ ހާހަކަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެން ގިނީސް ވޯލްޑް ރެކޯޑުން ޖާގަ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ހަރަކާތުގައި ބ. އަތޮޅުގެ ރައްޔިތުންނާއި މި އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އެ ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކޮށް، އެ އަތޮޅަކީ ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމެވެ.
ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތް ވެގެންދާނީ އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ބޮޑު ހަރަކާތަށެވެ.
ފްރީ ޑައިވް މޯލްޑިވްސްއިން ވަނީ “ނޭވާ”ގެ ނަމުގައި ފްރީ ޑައިވް ގިނިސް ވޯލްޑް ރެކޯޑުގެ ދެ އިވެންޓެއް ވެސް ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.