
ބ. އޭދަފުށީ އިންޖީނުގޭގައި ބޭނުންކުރަމުންދާ އިންޖީނުތަކުން އަރާ ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ފާހަގަކުރި ގޮތުގައި، އިންޖީނުގޭގެ އިންޖީނުތަކުން އަރާ ދުބުޅީގެ އަސަރުކޮށް އެ ސަރަހައްދުގެ ގޭގޭއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. އަދި މި މައްސަލައިގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން އަންނަތާވެސް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް އެފަރާތްތަކުން ބުނެއެވެ.
“ދުބުޅީގެ އަސަރުކޮށް މި ސަރަހައްދުގެ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ވަނީ އުނދަގޫވެފައި. ފާރުތަކާއި މުޅި ގޭތެރެއަށް ވެސް އޭގެ އަސަރުކުރޭ. އެހެންވެ އަބަދު އުޅެން ޖެހެނީ ދޮރުތައްވެސް ލައްޕައިގެން. އިންޖީނުގެއަށް ހުށަހެޅީމަ ބުނީ އެ ކަންތައް ކަމާބެހޭ ފަރާތަށް މިހާރު އަންގާފައިވާނެ ކަމަށް. މިހާ ގިނަދުވަސް ވެގެންދާއިރު އަދިވެސް ހައްލެއް ނާދޭ،“ އެ ސަރަހައްދުގެ ރައްޔިތަކު ބުންޏެވެ.
ފެނަކަ އޭދަފުށީ އިންޖީނުގެއިން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ޝަކުވާ ކެނޑިނޭޅި އެ ސްޓޭޝަނަށް ލިބެމުން އަންނަ ކަމަށާއި، އެ ސްޓޭޝަނުން ގޮސް ބެލިބެލުމުން އެ ސަރަހައްދުގެ ގޭގެއަށް ދުބުޅީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި 2023 ވަނަ އަހަރު އެ ސްޓޭޝަންގެ ގޯތިތެރޭގައި ޗިމްނީއެއް ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކުރި ނަމަވެސް، މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނުނިމުމުގެ ސަބަބުން ކޮންޓްރެކްޓަރު ވަނީ އެ މަސައްކަތް ބާތިލުކުރުމަށް އެދިފައެވެ. އެ މުއްދަތުގައި ކޮންޓެރެކްޓަރާ ވާހަކަ ދައްކައިގެން މަސައްކަތް އަވަސްކުރުމަށް އެތައް ފަހަރު މަސައްކަތް ކޮށްފައިވާނެ ކަމަށްވެސް އޭދަފުށީ އިންޖީނުގެއިން ބުންޏެވެ.
ފެނަކަ އޭދަފުށީ ސްޓޭޝަނުން ބުނީ ދުބުޅީގެ އަސަރުން ގެއްލުން ލިބެމުންދާ އާންމުންނަށް ގެއްލުން ނުވާނެ ގޮތަށް ހެދުމަށްޓަކައި ޗިމްނީގެ ނުނިމިހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމޭނެ ގޮތެއް ހޯދުމަށް ހެޑް އޮފީހާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އިންޖީނުގޭގެ ދުމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ސަރަހައްދުގެ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ މައްސަލައެކެވެ.