ހިބަޅިދޫން ފަން ނުލިބުމުން މާޅޮހަށް ހިތްދަތިކަން

ބ.މާޅޮސް
ބ.މާޅޮސް

ބ. ހިބަޅިދޫން ހިކިފަން ނުލިބުމުގެ ސަބަބުން މާޅޮހަށް އޭގެ ނޭދެވޭ އަސަރުކުރަން ފަށައިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު ހިބަޅިދޫ އިން ހަތިޔާރާއި ގޮވާ އެއްޗެހިތަކެއް ފެނުނު މައްސަލާގައި އެ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ހިބަޅިދޫ އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

މާޅޮހު ކައުންސިލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު “އީޓީ” އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށާ ކައިރީގައި އޮންނަ ހިބަޅިދޫން މާޅޮހު ރައްޔިތުންނަށް ހިކިފަން ނުލިބޭތީ އެރަށުގައި ފަން ވިދެގެން އާމުދަނީ ހޯދާ 85 ޕަސެންޓް އަންހެނުން އެކަމާ ހިތާމަކުރާ ކަމަށެވެ.

މުހައްމަދު ސައީދު ވިދާޅުވީ ހިބަޅިދޫން ފަން ލިބޭތޯ އެކި ފަހަރުމަތިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިސްވެރިންނާ ކައުންސިލުން ބައްދަލުކޮށް ސިޓީ ފޮނުވުމުގެ އިތުރުން ސީދާ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކޮށް ފަން ލިބޭނެގޮތްވޭތޯ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

unnamed-1

“އަޅުގަނޑު މިނިސްޓަރަށް (އުމަރު ނަސީރަށް) ދެންނެވިން ޕޮލިހުންގެ ބެލުމުގެ ދަށުން ފަންކޮޅު ބީޗަށް ނެއްލަދޭށޭ. އޭރުން އަޅުގަނޑުމެން ގެނެސްފާނަމޭ. މީގެ ހުރިހާ ދެރައެއް މިއޮތީ މާޅޮހުގެ ނިކަމެތި އާއިލާތަކަށް. މަހަކު ގާތްގަޑަކަށް ދޮޅުލައްކަ ރުފިޔާގެ ފަން ވިންނަ ރަށަކަށް މި ލިބުނީ ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް،”

ސައީދު ވިދާޅުވީ މާޅޮހުގައި މީހުން އާބާދުވި ހިސާބުން ފެށިގެން ހިބަޅިދޫން ފަން ހޮވައި، ވިއްކައިގެން އެރަށު ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށެވެ.

ސައީދުގެ ވިސްނުން މިހާރު ހުރީ މާލެ ދެވެންހުރި އެންމެން ގޮވައިގެން ކަމާބެހޭ ބޭފުޅުންނާ ބައްދަލުކުރުމަށެވެ.

“ޕެޓިޝަން އެއީ މިޒަމާނުގެ އެއްޗެއް ނޫން. އެހެންވެ އެންމެން ގޮވައިގެން މިފަހަރު މާލެދާން ވިސްނަނީ، ބަޔަކު މީހުންގެ އާމްދަނީ ގެއްލި މިހާ ދުވަސްވާއިރު ހިތަށްވެސް އަސަރުކުރޭ، އެކަމަކު ތަނަވަސް މީހުންނަކަށް މިކަަމުން އެއްވެސް އަސަރެއް ނުކުރޭ،”

ސައީދު ގަބޫލުކުރައްވާ ގޮތުގައި މާޅޮހު ރައްޔިތުންނަށް ހިބަޅިދޫން ފަންލިބޭނެ ކޮންމެވެސް ގޮތެއް އޮންނަންވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.