
މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރްޓީއެލް)ގެ ނަމުގައި ފެށި ފެރީ ހިދުމަތް މާދަމާ ރ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މާދަމާއިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރ. އަތޮޅުގެ ރައްޔިތުންނަށް މި ހިދުމަތް ހިލޭ ލިބިގެންދާނެ ކަމަށެވެ. މިއީ އާރްޓީއެލްގެ ހިދުމަތް އަތޮޅަށް ތަޢާރަފުކުރުމުގެ ގޮތުން ދެވޭ ފުރުސަތެކެވެ.
ހިލޭ ދަތުރުކުރެވޭ މުއްދަތު ހަމަވުމުން، އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި މި ހިދުމަތް ފަށާއިރު، މި ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 10 އަށް އަރާނެ އެވެ. މީގެ އިތުރުން، އަންނަ މަހުގެ ތެރޭގައި ބ. އަތޮޅުގައި ވެސް މި ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.