ސޮބާހުގެ ޓީމަށް ކެއްކުމުގެ މުބާރާތަކުން އަނެއްކާވެސް ރަން ވަނަތަކެއް

ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި ސީސީޓީވީ ދަ ގްރޭޓަސްޓް ޝެފްސް ޗެލެންޖްގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމު . މި މުބާރާތުގައި އެކި ޤައުމުތަކުގެ ޝެފުން ހިމެނޭ 18 ޓީމަކުން ބައިވެރިވި | ފޮޓޯ: ޝެފް ގިލްޑް އޮފް މޯލްޑިވްސް
ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި ސީސީޓީވީ ދަ ގްރޭޓަސްޓް ޝެފްސް ޗެލެންޖްގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމު . މި މުބާރާތުގައި އެކި ޤައުމުތަކުގެ ޝެފުން ހިމެނޭ 18 ޓީމަކުން ބައިވެރިވި | ފޮޓޯ: ޝެފް ގިލްޑް އޮފް މޯލްޑިވްސް

ސޮނޭވާފުށީ ރިސޯޓުގެ ސޫ ޝެފްގެ މަގާމުގައިހުރި ބ. އޭދަފުށްޓަށް އުފަން އަބްދުﷲ ސޮބާހު ހިމެނޭ ދިވެހި ޝެފުންގެ ޓީމުން ރާއްޖެއިން ބޭރުގައި ބޭއްވި ކެއްކުމުގެ މުބާރާތަކުން އަނެއްކާވެސް ރަން
ވަނަތަކެއް ހޯދައިފި އެވެ.

ސޮބާހު ލީޑުކުރި ޓީމުން މިފަހަރު ރަން ވަނަތަކެއް ހޯދީ މި މަހުގެ 17 – 27 އަށް ޗައިނާގެ ސޫޒޫ ސިޓީގައި ބޭއްވި “ސީސީޓީވީ ދަ ގްރޭޓަސްޓް ޝެފްސް ޗެލެންޖު”ގައި ބައިވެރިވެގެންނެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރީ ޝެފް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް)ގެ ފަރާތުން ބައިވެރިވި ހަތަރު ޝެފުންނެވެ.

ސަބާހުގެ އިތުރުން އެ ޓީމުގައި ދެން ހިމެނެނީ ބަނޑޮސް އައިލެންޑް ރިސޯޓުގެ އަހުމަދު ފަތީނާއި ހުޅުލޭ އައިލެންޑް ހޮޓެލުގެ މުހައްމަދު ނިޔާޒް އަދި ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ޔޫސުފް ނާސިމެވެ.

14803327939263

ޓީމު އިވެންޓުތަކެއްގެ ގޮތުގައި ބާއްވާފައިވާ މި މުބާރާތުގައި ސޫޒޫ ސިޓީގެ މަޝްހޫރު ހޮޓާތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގެ ޝެފުންގެ ނުވަ ޓީމަކާއި ނުވަ ގައުމެއްގެ ޓީމުތައް ހިމެނޭ ގޮތަށް، ޖުމްލަ 18 ޓީމު ވާދަކުރި އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިޓަލީ، އިންޑިއާ، މިޔަންމާ އަދި ތުރުކީ ފަދަ ގައުމުތަކުން ބައިވެރިވެފައިވާ އިރު، އެކި ގައުމުތަކުގެ ކެޓަގަރީން ދިވެހި ޓީމުން ވަނީ ދެވަނަ ހާސިލްކޮށްފައި އެވެ. އަދި މުޅި މުބާރާތުން ރާއްޖެ ވަނީ ތިން ވަނަ ހޯދާފައި އެވެ.

ސޮބާހު އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ ކެއްކުމުގެ އެކިއެކި މުބާރާތްތަކުން ރަން ވަނަތައް ހާސިލުކުރަމުންނެވެ.

ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ކަލިނަރީ ޗެލެންޖުގައި ވާދަކުރި ޝެފުންގެ ތެރެއިން ރާއްޖޭގެ އެންމެ މޮޅު ޝެފްގެ އެވޯޑާއި އިތުރު ގިނަ އެވޯޑްތަކެއް ބ. އޭދަފުއްޓަށް އުފަން އަބްދުﷲ ސޮބާހުު ހޯދާފައިވެއެވެ.

އެގޮތުން މިއަހަރު ކުރީކޮޅު ސިންގަޕޫރުގައި އޮތް ފުޑް އޭޝިޔާ 2016، އެފްއެޗްއޭ ކަލިނަރީ ޗެލެންޖް”އިން ސޮބާހު ވަނީ ސުވާސާ މެޑެލް ހާސިލުކޮށްފަ އެވެ. ސޮބާއަށް އެ މެޑެލް ލިބުނީ “ހޮޓް ކުކިން-ލައިވް” ކެޓަގަރީގައި ވާދަކޮށްގެންނެވެ.

މީގެ އިތުރުން ސޮބާހު ވަނީ މިދިޔަ އަހަރު ބޭއްވި އެފް.އެޗް.އޭ.އެމް 2015 ގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަނުންވެސް ގިނަ މެޑަލްތަކެއް ހާސިލުކޮށްފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ރޮނގުން ގައުމީ އިނާމުވެސް ސޮބާ ވަނީ މިދިޔަ އަހަރު ހާސިލުކޮށްފަ އެވެ.

ސޮބާހު މިހާރު ގެންދަނީ ރާއްޖޭގެ އެތެރޭގައި ބާއްވާ މުބާރާތްތަކާއި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގެ ފަނޑިޔާރުކަން ވެސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.