އޭދަފުށީ ކައުންސިލު މުވައްޒަފުންނަށް އޯޓީ ދިނުމުގައި ލިމިޓެއް ނެތް!

ބ. އޭދަފުށީ ކައުންސިލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ލިމިޓެއް ނެތި އިތުރު ގަޑީގެ (އޯވަ ޓައިމް ނުވަތަ އޯޓީ) ފައިސާ ދެމުން ގޮސްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އޭދަފުށީ ކައުންސިލުގެ ކޮމްޕްލަޔަންސް އޮޑިޓުގައި، އޮޑިޓަރުން ބުނެފައިވާ ގޮތުގައި އޭދަފުށީ ކައުންސިލުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރަމުން ދިޔައީ ސިވިލް ސާވިސްގެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު އޭދަފުށީ ކައުންސިލުން 34 މުވައްޒަފަކަށް އޯޓީގެ ގޮތުގައި 530,335 ރުފިޔާ ދޫކޮށްފައިވެއެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ ބައެއް މުވައްޒަފުންނަށް އެމީހުންގެ އަސާސީ މުސާރައާއި އިނާޔަތްތަކުގެ 86 ޕަސެންޓާ އެއްވަރުގެ އަދަދެއް ހަމައެކަނި އޯޓީގެ ގޮތުގައި ދީފައިވުމެވެ.

ސިވިލް ސަރވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އިތުރުގަޑީގައި މަސައްކަތް ކުރަންވާނީ އެ އިދާރާއެއްގެ ޒިންމާދާރު ވެރިޔާ ކަނޑައަޅާ އުސޫލެއްގެ ދަށުން ހުއްދަ ލިބިގެންނެވެ. ނަމަވެސް އޭދަފުށީ ކައުންސިލުން މި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާކަން އޮޑިޓުން ފާހަގަކުރެވިފައިވެއެވެ.

“ރަސްމީ ގަޑިތަކުގެ އިތުރުން މުވައްޒަފުން އޮފީހަށް ނިކުމެ މަސައްކަތް ކުރުމުން އިތުރު ގަޑީގެ ފައިސާ ދިނުމަށް ވަކި ލިމިޓެއް ކަނޑައަޅާފައި ނުވާ ނަމަ އިތުރު ގަޑީގައި މަސައްކަތް ކުރުމަށް އޮންނަ ފުރުސަތުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފުމަށް މަގުފަހިވެ އިތުރު ގަޑީގެ ފައިސާ ދިނުމަށް ކައުންސިލުން ކުރަން ޖެހޭ ހޭދަ އިތުރުވެގެން ދާނެ ކަން ފާހަގަކުރެވޭ،” ރިޕޯޓުގައި ބުނެފައި ވެ އެވެ.

މީގެއިތުރުން، އޮޑިޓުން ފާހަގަކުރެވުނު އެހެން މައްސަލަތަކުގެ ތެރޭގައި ރަސްމީ ދުވަސްތަކުގެ މަސައްކަތަށް ބަންދު ދުވަހުގެ ރޭޓުން ފައިސާ ދިނުމާއި، ބަންދު ދުވަސްތަކުގެ މަސައްކަތަށް ރަސްމީ ދުވަހުގެ ރޭޓުން ފައިސާ ދިނުން ހިމެނެއެވެ. އަދި އެއް މުވައްޒަފަކަށް ޙައްޤުވާ މިންވަރަށްވުރެ އިތުރަށް ފައިސާ ދީފައިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ ހައްލުކުރަން ވެސް އޮޑިޓަރުން ދިން ލަފައަކީ، މަސައްކަތް ކުރިތޯ ކަށަވަރު ކުރުމެވެ. އަދި ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ފައިސާ ދީފައިވާ މުވައްޒަފުގެ އަތުން އެ ފައިސާ އަނބުރާ ހޯދަން ވެސް އޮޑިޓަރުން ލަފާ ދީފައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.