ރާއްޖޭގެ ފުރަތަމަ ސްޕީކާސް ރިޓްރީޓް ދަރަވަންދޫގައި ބާއްވަނީ

ރާއްޖޭގެ ވާހަކަ ދެއްކުމުގެ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި، ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ސްޕީކާސް ރިޓްރީޓް، ބ. ދަރަވަންދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ރިޓްރީޓަކީ މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން  އާއި ދަރަވަންދޫ ކައުންސިލުން ގުޅިގެން އިންތިޒާމް ކުރާ ހަރަކާތެކެވެ.

މި ރިޓްރީޓް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހާ ހަމައަށެވެ. ދަރަވަންދޫގައި މި ރިޓްރީޓް ބޭއްވުމަށް ހަމަޖެހުނީ، މި އަހަރަކީ ދަރަވަންދޫއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރު ކަމަށްވާތީ އެކަމާ ވެސް ގުޅުވައިގެންނެވެ.

މި ޚާއްޞަ ރިޓްރީޓުގައި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ސްޕީކަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މި ހަރަކާތް އިންތިޒާމުކުރާ މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަންގެ ކޯ ފައުންޑާ އަދި ނައިބު ރައީސް ހުސައިން އަފީފް ވަނީ ވިދާޅުވެފަ އެވެ.

މި ހަރަކާތުގައި ގާތްގަޑަކަށް 100ވަރަކަށް ބައިވެރިން ބައިވެރިވާނެ ކަމަށް އޭނާ ލަފާކުރައްވައެވެ.

މި ރިޓްރީޓުގައި ބައިވެރިވުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާފައި ނުވާއިރު، ރަޖިސްޓާވުމަށް ރަސްމީކޮށް ހުޅުވައިލާނީ އަންނަ މަހުއެވެ. ނަމަވެސް، މި ރިޓްރީޓުން ޖާގައެއް ކަށަވަރުކުރަން ބޭނުންވާ ނަމަ، މިހާރު ވެސް، 7303617އަށް ވަޓްސްއެޕުން މެސެޖުކޮށްގެން ޖާގަ ކަށަވަރު ކުރެވޭނެއެވެ. ރަޖިސްޓްރީވުމަށް ފީއެއް ނަގާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވާއިރު، އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

މި ރިޓްރީޓުގެ ތެރެއިން ބައިވެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް އަންތިޒާމް ކުރާ ފަރާތުން ފާހަގަކުރެއެވެ. މިގޮތުން، ޕަބްލިކް ސްޕީޗު ލިޔެ، ހުށަހަޅާނެ ގޮތް ދަސްކޮށްދިނުމާއި، ފޮތް ލިޔަން ދަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ޓެޑް ޓޯކްގެ ޓްރެއިނިން ދިނުމާއި، ސްޕީކިން ކެރިއާއެއް ބިނާކުރާނެ ގޮތް ވެސް މި ރިޓްރީޓުން ދަސްކޮށްދެވޭނެއެވެ.

މީގެ އިތުރުން، މި ރިޓްރީޓުގައި ރާއްޖެއިން ބޭރުން ބައިވެރިވާ މީހުންނަށް ރާއްޖޭގެ ސަގާފަތާއި ގުދުރަތީ ރީތިކަން ދައްކައިލުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެކަމަށް އިންތިޒާމް ކުރާ ފަރާތް ކަމަށްވާ އަފީފް ވިދާޅުވިއެވެ. އެގޮތުން ކުރިއަށްގެންދާނެ ބައެއް ހަރަކާތްތަކުގެ ތެރޭގައި ރަށުތެރޭގެ ފާހަގަކުރެވޭ ތަންތަން ބަލައިލުމާއި، މަންތާ އާއި މޫދުގެ ދިރުންތައް ބަލައިލުން ހިމެނެއެވެ. އަދި، ދިވެހި ކެއުންތައް ރަހަބެލުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.