ހަ މަހުން ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖޭގައި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކު، ބީއެމްއެލްގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ބޭންކަށް 790 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި 232 މިލިއަން ރުފިޔާގެ އިތުރު ފައިދާއެކެވެ.

ދެވަނަ ކުއާޓަރުގެ ނިޔަލަށް ބީއެމްއެލުން ދޫކޮށްފައިވާ ލޯނުގެ ޖުމުލަ އަދަދު 21.3 ބިލިއަން ރުފިޔާއަށް އަރާއިރު، ޑިޕޮސިޓުގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ ހުރި ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. މީގެ އިތުރުން ބޭންކުގެ ޖުމުލަ އެސެޓްސް 51 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވެފައިވަނީ މި ނަތީޖާތަކަކީ ބޭންކުގެ މާލީ ސްޓްރެޓެޖީގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކުއާޓަރުގައި ބީއެމްއެލްއިން ވަނީ ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު ޑިވިޑެންޑެއް ބަހާފައެވެ. އަދި “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫޢުގެ ދަށުން ށ. ނ. އަދި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.