
ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް އޭދަފުށީގައި އަޅަން ނިންމާފައިވާ 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތް މިހާތަނަށް ނުފެށި ލަސްވަމުންދަނީ މަޝްރޫޢުއަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހިގެން ކަން “އީޓީ” އަށް އެނގިއްޖެ އެވެ.
މި މަޝްރޫޢުގެ ދަށުން 15 ބުރީގެ 12 ޓަވަރެއްގައި ތިން ކޮޓަރީގެ 336 ފްލެޓާއި ދެ ކޮޓަރީގެ 672 ފްލެޓް އެޅުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހެދުމުގެ މަސައްކަތް ވަނީ މިދިޔަ އަހަރުގެ މެއި 8 ވަނަ ދުވަހު ޗައިނާގެ ސީނާ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައެވެ.
އޭގެ ފަސް މަސްފަހުން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުންނާއެކު ސޮއިކުރެއްވުމަށްފަހު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، އޭދަފުށްޓަކީ ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށަކަށް ވުމާއެކު، ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި ވާޓިކަލް ޑިވެލޮޕްމަންޓެއް މުހިންމު ކަމަށެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މީހުން ދިރިއުޅޭ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އޭދަފުށްޓަކީ އެކަށީގެންވާ ރަށެކެވެ. އަދި ތަޢުލީމީ، ޞިއްޙީ އަދި ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބަލާއިރުވެސް މިފަދަ މަޝްރޫޢެއް ހިންގުމަށް އެންމެ އެކަށޭނަ ރަށެކެވެ.
އެހެންނަމަވެސް، މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާތަނަށް ނުފެށި ލަސްވަމުންދާއިރު، މާދަމާ ރައީސް މުޢިއްޒު އޭދަފުއްޓަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިކަމުގެ އެއްވެސް މައުލުމާތެއް ލިބިފައި ނެތުމެވެ.
ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު މިއަދު އީޓީއަށް ވިދާޅުވީ، ފައިސާ ހަމަނުޖެހިގެން 1000 ހައުސިން ޔުނިޓްގެ މަޝްރޫއު މަސައްކަތް ނުފެށި ލަސްވުމަކީ ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް މާދަމާ ރައީސް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން މި ފްލެޓްތަކާ ބެހޭ އުފާވެރި ޚަބަރެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“އުއްމީދަކީ މާދަމާ ރައީސް ވަޑައިގެން ރައްޔިތުންނަށް މިކަމުގެ އުފާވެރި ހަބަރެއް ދެއްވާނެ ކަމަށް”