
ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އައިލެންޑް އޭވިއޭޝަނާއި އެ ރަށުގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ކަމަދޫ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯކްސް ހޮޓެލްސްގެ ފަރާތުން ޑިރެކްޓަރު ހުސެން އަމަނާއި އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިޔުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްގީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްގީ ކުރުމުގެ ކަންތައް ބާރު ސްޕީޑުގައި ކުރިއަށްދާ ރަށަކަށް ވާއިރުގައި، ވަރަށް ބޮޑު އިގްތިސާދީ ފައިދާއެއް މި ރަށަށް ކުރާނެ ކަމެއް ކަމަށެވެ. އަދި ކަމަދޫގެ އިގްތިސާދީ ތަރައްގީއަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވެފައިވަނީ ސީޕްލޭންގެ ޚިދުމަތް ފެށުމާ އެކު އެ ރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މިހާރުވެސް ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ގެސްޓްހައުސްތަކުން ގުޅިގެން އެ ރަށްރަށަށް ސީޕްލޭން ދަތުރުތައް އިންތިޒާމުކުރަމުން ގެންދެއެވެ.
މި އެއްބަސްވުމާ އެކު ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމުން، އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ރަށުގެ އިގްތިސާދީ ދުވެލި އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ރަސްމިއްޔާތުގައި ވަނީ، ކަމަދޫ ސްކޫލުގައި ގާއިމްކުރާ އާ އިމާރާތުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ.
ކަމަދޫގައި މިއަދު ވަނީ ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭ އޭޓީއެމްގެ ހިދުމަތް ވެސް ފަށައިފަ އެވެ.