ތުޅާދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އެއްބަސްވުން އުވާލައި، އެ މަސައްކަތް މިއަދު ދައުލަތުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫއުގެ އަގަކީ 570,260,350.80 ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ 660 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކައި، 2,804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1,677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެއާޕޯޓުގެ މަޝްރޫއުގެ ދަށުން ތުޅާދޫގައި ހަދާނީ 1,800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ، ކޯޑް 3C ގެ ރަންވޭއެކެވެ. މި އެއާޕޯޓަކީ ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަމިއްލަ ކުންފުނިތަކުން ފަންޑުކޮށްގެން ރިސޯޓް ހެދުމުގެ އުސޫލުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އަދި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖަމްޝީދެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި، ތުޅާދޫގައި އެއާޕޯޓެއް ގާއިމުކުރުމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 30 މިނެޓުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމާއި، ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގަ ފުޅާކުރުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.