
ބ. ދޮންފަނުގައި ބިން ހިއްކުމާއި، ބަނދަރުގެ ނެރު ބަދަލުކުރުމާއި، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުމުގެ މަޝްރޫޢު މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދޮންފަނަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ އަހްމަދު ސައުދީއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދޮންފަނަކީ ބިމުގެ ޖާގައިގެ ދަތިތައް ވަރަށް ބޮޑަށް އޮތް ރަށެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ނިމުމުން ރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފަށައި، ވީހާވެސް އަވަހަކަށް ނިންމުމަށް އަންގަވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތާއި، ބަނދަރުގެ ނެރު ބަދަލުކުރުމާއި، މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްތަކަކީ އެ ރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރަމުން އައި މަޝްރޫޢުތަކެކެވެ.
ދޮންފަނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބިން ހިއްކަން ނިންމިއިރު އެ އަތޮޅު ހިތާދޫ އާއި ކެންދޫގެ ބިން ހިއްކުން ވެސް ރައީސްގެ މި ދަތުރުފުޅުގައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތާއި ހަ ކްލާސްރޫމާއި ސައިންސް ލެބެއްގެ އިތުރުން ލައިބްރަރީއެއްގެ މަސައްކަތް ވެސް ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިއަދު ހަވާލުކޮށްފަ އެވެ.