ހަނިފަރު ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލުކޮށްދޭން ރައީސް އަރިހުގައި އެދިއްޖެ

ބ. ހަނިފަރު

ސަރުކާރުން ހިމާޔަތްކޮށްފައިވާ ބ. ހަނިފަރުގެ ބެލެހެއްޓުން އެ ރަށާ އެންމެ ކައިރީގައި އޮންނަ ބ. ދޮންފަނު ކައުންސިލާ ހަވާލުކޮށްދިނުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިއަދު އެދިއްޖެ އެވެ.

މިއަދު ދޮންފަނަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ ހަނިފަރަކީ ބ. އަތޮޅުގެ “ޖަވާހިރެއް” ކަމަށެވެ. އަދި މިއީ ކޮންމެ ސަރުކާރެއްގައިވެސް ދޮންފަނު ރައްޔިތުން އެދެމުން އައި ކަމެއް ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކުން އެކަން ކޮށްދީފައި ނުވާ ކަމަށް ފާހަގަކުރެއްވިއެވެ.

މިހާރު ދޮންފަނުގެ އިރުމަތީ ފަރާތުގައި އޮންނަ ހަނިފަރާއި އެ ރަށުގެ ބޮޑު ފަޅުގެ ސަރަހައްދު ބަލަހައްޓަމުން ގެންދަނީ އޭދަފުށީގައި ހުންނަ ބ. އަތޮޅު ބަޔޮސްފިޔާ އޮފީހުންނެވެ. މި ސަރަހައްދަކީ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގެ ނުވަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ.

“ކޮންމެ ސަރުކާރެއްގައި ވެސް ދޮންފަނު ރައްޔިތުން އެދޭ އެންމެ ބޮޑު އެއް އެދުމަކީ ހަނިފަރު ދޮންފަނުގެ އިހުތިސާސްގައި ހިމަނައިދިނުން. ނުވަތަ ހަނިފަރު ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލުކުރުން،” އިރުޝާދު ވިދާޅުވިއެވެ.

“ދޮންފަނަކީ ކުޑަ ރަށެއް ވީމަ، ދޮންފަނުގެ އަޑު ނާހާ އަތޮޅުން ބާކީކޮށްލެވޭތަން އަބަދުވެސް ފެނޭ.”

ހަނިފަރާ އެންމެ ކައިރީގައި މީހުން ދިރިއުޅޭ ރަށަކީ އެ ރަށް ކަމަށާއި އެތަން ބެލެހެއްޓުމުގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނީ ވެސް ދޮންފަނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށުގެ އިހުތިސާސްގައި ހަނިފަރު ހިމަނައިދިނުމަށް ރައީސްގެ އަރިހުގައި އިރުޝާދު ވަނީ ދިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.