ބީއެމްއެލްއާއި ސީއޭ ގުޅިގެން އެކައުންޓިން ދާއިރާ ހަރުދަނާކުރަނީ

ބޭންކް އޮފް މޯލްޑިވްސް އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު، ރާއްޖޭގައި އެކައުންޓިން އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ އެކައުންޓިން އަދި މާލީ ދާއިރާގައި ހުނަރާއި މައުލޫމާތާއި އަދި އަހުލާގީ މިންގަނޑުތައް ތަރައްގީ ކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ރާއްޖޭގެ އިގްތިސާދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް ގުޅިގެން އެ ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާ ކުރުމާއި ގަވާއިދުތައް އެކުލަވާލުމާއި ދާއިރާގެ ފަންނުވެރީންގެ ގާބިލުކަން އިތުރު ކުރުމާއެކު އެކައުންޓިން އަދި އޮޑިޓިން ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަސައްކަތް ކުރާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ އެއްބަސްވުމަކީ މުޅި ގައުމުގައި އެކައުންޓިން އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

“ސީއޭ މޯލްޑިވްސްއާއެކު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކާއެކު އަޅުގަނޑުމެންގެ މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީ ކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން.” ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއިން ދަނީ ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުއަށް އެހީތެރިވެދިނުމަށް މަސައްކަތްތައް ކުރަމުންނެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ފޯރަމްގެ މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި ރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.