ތޮއްޑޫގައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. ތޮއްޑޫގައި ޔޫއެސް ޑޮލަރު ނަގައި, ޖަމާ ކުރެވޭ އޭޓީއެމްއެއްގެ ޚިދުމަތް ތަޢާރަފްކޮށް، އައު ބްރާންޗެއްގެ ބިންގާ މިއަދު އަޅައިފިއެވެ.

މިކަމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބޯޑު ޑިރެކްޓަރުންނާއި އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ތޮއްޑޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްއާއި އެގްރިޓޫރިޒަމަށް އަމާޒުކޮށް ޚިދުމަތް ފުޅާކުރުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ޑޮލަރު އޭޓީއެމްގެ ސަބަބުން ތޮއްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ޑޮލަރު ބޭނުންވުމުން އެހެން ރަށަކަށް ދަތުރުނުކޮށް ލިބޭނެއެވެ.

ހަމައެހެންމެ އެ ރަށުގައި ގާއިމު ކުރާ އައު ބްރާންޗުގެ މަސައްކަތް އަންނަ އަހަރުތެރޭ ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫ ޔޫއެސް ޑޮލަރު އޭޓީއެމްގެ އިތުރުން، އައްޑޫ ސިޓީ، މާލެ، ހުޅުމާލެ، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި ސިޓީ އަދި މާފުށީގައި ވެސް ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުން އަންނަ ކަމަށް ބޭންކުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.